04 Mar 2018, 12:31
ހުސްވެފައިވާ އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފް އައްޔަނު ކުރުމަށް ރުހުން ހޯދުމަށް މާދަމާ އޮންނަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވާލުމުން ޝަރީފް އެ މަގާމަށް ކުރިމަތިލެއްވި ކަން އޭނާ ވަނީ 'ސަން' އަށް ކަށަވަރުކޮށްދެއްވައިފަ އެވެ. އަދި އެނގިފައިވާ ގޮތުގައި މާދަމާ އޮންނަ މަޖިލީހުގެ ޖަލްސާ އަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައި ވަނީ ވެސް ޝަރީފްގެ ނަންފުޅެވެ.
ޝަރީފަކީ މީގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ސެކެޓްރީ ޖެނަރަލްގެ މަގާމް ވެސް އަދާކުރެއްވި ބޭފުޅެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މިދިޔަ ދައުރުގެ ތިމަރަފުށީ ދާއިރާގެ ބައި އިލެކްޝަން ޝަރީފް ކާމިޔާބު ކުރެއްވި އެވެ. ނަމަވެސް އެ ގޮނޑި ދިފާއު ކުރެއްވުމަށް 2014 ވަނަ އަހަރު އޮތް އިންތިހާބުގައި ވާދަކުރެއްވުމުން ޝަރީފަށް ވަނީ ނާކާމިޔާބާ ކުރިމަތިވެ، ގޮނޑި ގެއްލިފަ އެވެ.
އީސީގެ މެންބަރު ކަމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވަލާފައި މިވަނީ އެ ކޮމިޝަނުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަހުމަދު ސުލައިމާނު އިސްތިއުފާ ދެއްވުމާ ގުޅިގެންންނެވެ.
ސުލައިމާނުގެ އިތުރުން އިސީގެ ސެކެޓްރީ ޖެނަރަލްގެ މަގާމުގައި ހުންނެވި އަހުމަދު އަލީ ވެސް ވަނީ މިދިޔަ މަހު ފަހުކޮޅު އިސްތިއުފާ ދެއްވައިފަ އެވެ.