04 Mar 2018, 15:03
ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ރާއްޖޭގެ ގައުމީ ޓީމުގެވެސް ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)މިވަގުތު ރަނގަޅު ފޯމެއްގައި ހުރުމުން އޭއެފްސީ ކަޕްގައި އޭނާގެ ފަރާތުން ތަފާތު ފެންނާނެ ކަމަށް އުންމީދު ކުރާ ކަމަށް ނިއުގެ ކޯޗު، އޮސްކާ ބުރުޒޮން ބުނެފިއެވެ.
އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ނިއުއިން ކުޅޭ ފުރަތަމަ މެޗަށް ރޭ ވަނީ ބަންގްލަދޭޝްއަށް ފުރައިފައެވެ. އަންނަ ބުދަ ދުވަހު ނިއުއިން ބަންގުލަދޭޝްގެ ޗެމްޕިއަން ޑާކާ އަބަހާނީއާ ދެކޮޅަށް ނުކުންނައިރު މާލޭ ލީގުގައި އެޓީމުން އެންމެފަހުން ކުޅުނު ދެ މެޗުންވެސް ވަނީ މޮޅުވެފައެވެ.
ނިއުރޭޑިއަންޓްގެ ކޯޗު އޮސްކާ ބުރުޒޮން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
މާލޭ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ނިއު ޓީސީ ސްޕޯޓްސް ކްލަބު ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. ހުކުރު ދުވަހުގެ ރޭ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށް ކުޅުނު ވަރުގަދަ މެޗު، 1-0 ގެ ނަތީޖާއަކުން ނިއުއިން ކާމިޔާބުކުރީ އަޝްފާގުގެ ގޯލާއެކުއެވެ.
މާޒިޔާ މެޗަށްފަހު ވާހަކަ ދައްކަމުން ނިއުގެ ކޯޗު އޮސްކާ ބުނީ އަޝްފާގަކީ ރާއްޖޭގެ އިތުރުން އޭޝިއާ ލެވެލްގައިވެސް ފާހަގަކޮށްލެވޭނެ ކުޅުންތެރިއެއް ކަމަށެވެ.
"އަޝްފާހަގަކީ ބައިނަލްއަގުވާމީ ލެވެލް ކުޅުންތެރިއެއް. އޭނާއާ ދޭތެރޭ ބުނާނެ މާބޮޑު އެއްޗެއް ނުވެސް އެނގޭ. އޭނާއަކީ ވަރަށް މޮޅު ކުޅުންތެރިއެއް. ހަމައެކަނި ރާއްޖެއަކު ނޫން، މުޅި އޭޝިއާ ސަރަހައްދުގަވެސް،" އޮސްކާ ބުންޏެވެ.
އޮސްކާ ބުނީ އުންމީދަކީ އޭއެފްސީ ކަޕްގައި ބަންގްލަދޭޝްގެ ޑާކާ އަބަހާނީއާ ދެކޮޅަށް ނިއު ނުކުންނައިރު އަޝްފާގު ފޯމުގައި ހުރުން ކަމަށާއި، އަޝްފާހަގަކީ ޓީމަށް ވަރަށް މުހިއްމު ކުޅުންތެރިއެއް ކަމަށެވެ.
ލީގުގައި ފުރަތަމަ ވަރުގަދަ ދެ މެޗު ކުޅެ، އޭއެފްސީ ކަޕަށް ނުކުންނަށް ޖެހުމުން އޮސްކާ ބުނީ އެކަން ވާނީ ޓީމަށް ލިބުނު ފައިދާއަކަށް ކަމަށެވެ. ހާއްސަކޮށް ޓީސީއާއި މާޒިޔާ ފަދަ ޓީމުތައް ބަލިކޮށް، އޭއެފްސީ ކަޕްގެ ފުރަތަމަ ނުކުންނަން ޖެހުމުން ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅުވާނެ ކަމަށްވެސް ސްޕެއިންގެ ކޯޗު، އޮސްކާ ފާހަގަކުރިއެވެ.
ކެރިއަރުގައި 400 އަށްވުރެ ގިނަ ގޯލް ޖަހައިފައިވާ އަޝްފާގަކީ ދިވެހި ފުޓުބޯޅައިގެން ލެޖެންޑެކެވެ. ގައުމީ ޓީމަށް 52 ގޯލް ޖަހައިދީފައިވާ އަޝްފާގުވަނީ ކްލަބު ވެލެންސިއާއި ނިއުގެ އިތުރުން ވީބީ އައްޑޫ އެފްސީ އަދި މާޒިޔާ ފަދަ ކްލަބުތަކުގައިވެސް މޮޅަށް ކުޅެފައެވެ.
މެލޭޝިއާގެ ޕީޑީއާރްއެމްގައި ކާމިޔާބު ދެ ސީޒަން ހޭދަކުރުމަށްފަހު ނިއުއާ އެނބުރި ގުޅުނީ 2016 ވަނަ އަހަރުގައެވެ. މިދިޔަ ސީޒަންގެ ކުރީ ކޮޅުގައި ކުރި ކަކުލުގެ އޮޕަރޭޝަންގެ ސަބަބުން އެ ސީޒަންގެ ކުރީކޮޅު އަނިޔާގައި ހޭދަކުރި އަޝްފާގު އެނބުރިއައީ މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގަށެވެ.
ނިއުއިން ދިވެހި ޕްރިމިއާ ލީގު ކާމިޔާބުކުރިއިރު، އަޝްފާގު ފެނުނީ ވަރަށް ފިޓްކޮށެވެ. އޭނާ މި ސީޒަންގައިވެސް މިހާތަނަށް ކުޅުނު ދެ މެޗުގައިވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ.