ޕްރެމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އަދި މި ސީޒަންގެ ވެސް ފޭވަރިޓުން ކަމަށްވާ މެންޗެސްޓާ ޔުނައިޓެޑް ދެ ވަނަ ހާފުގައި ޖެހި ތިން ލަނޑާއެކު ޓޮޓެންހަމްގެ މައްޗަށް ކުރި ހޯދައިފި އެވެ. މެންޔޫ އަމިއްލަ ދަނޑުގައި ރޭ 12:00 ގައި ޓޮޓެންހަމްއާއި ބައްދަލުކޮށް މޮޅުވީ 3-0 ލަނޑުންނެވެ.

މެޗްގައި އުފެއްދި ފުރަތަމަ ހަމަލާވެސް ފެނުނީ މެންޗެސްޓާއިންނެވެ. މެޗުގެ ދެ ވަނަ މިނެޓްގައި ރޫނީ އުފެއްދި ހަމަލާވަނީ ޓޮޓެންހަމްއަށް މިސީޒަންގައި އެސްޓަން ވިލާއިން ބަދަލުވި ކީޕަރު ބްރެޑް ފްރޭޑަލް ދިފާޢުކޮށްފަ އެވެ.

މެޗްގެ ފުރަތަމަ ހާފް 0-0 ލަނޑުން އެއްވަރުވެފައިވީ ނަމަވެސް ފުރަތަމަ ހާފު ޓޮޓެންހަމް އަތުން މެންޗެސްޓާއަށް ސަލާމަތް ވެވުނީ އުނދަގުލުންނެވެ. ފުރަތަމަ ހާފުގައި މޮޅަށް ކުޅެފައި ވަނީ ވެސް ޓޮޓެންހަމް އިންނެވެ.

މެންޗެސްޓާގެ ބަދަހި ކުޅުން ފެނުނީ ދެވަނަ ހާފުގަ އެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ 61 މިނެޓްގައި ޓޮމް ކްލެވެލީ ނެގި ހުރަހެއްގައި ބޯޅައަކުން ޑެނީ ވެލްބެކް ވަނީ މެންޔޫއަށް ލީޑް ނަގައިދީފަ އެވެ.

ޓޮޓެންހަމްއިން ވެސް ހަމާލާތަކެއް އުފައްދާ ގޯލެއް ޖެހުމަށް މަސައްކަތްކުރި ނަމަވެސް މިހަމަލާތަކުގެ ހުރަހަކަށް ވެފައިވަނީ މެންޔޫގެ ޒުވާން ޑިފެންސް ލައިނާއި ކީޕަރު ޑި ޖިއާއެވެ. މެޗްގެ 76 ވަނަ މިނެޓްގައި ވެލްބެކް ދިން ބޯޅައަކުން އެންޑަސަން ވަނީ ލީޑް އިތުރަށް ފުޅާކޮށްފައެވެ.

މެޗް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ރޫނީ ވަނީ މެންޔޫގެ ތިން ވަނަ ލަނޑުޖަހާ ޓޮޓެންހަމްގެ ޓީމުގެ ކުޅުން ރަނގަޅުކުރަން ޖެހޭކަން އަންގައިދީފައެވެ. ރޫނީ މިލަނޑު ކާމިޔާބުކުރީ މެންޔޫގެ އެންމެ ދުވަސްވީ ކުޅުންތެރިޔާ ރަޔަން ގިގްސް ނަގައިދިން ހުރަހަކުންނެވެ. މިމެޗް މެންޔޫ ކާމިޔާބުކުރީ ތިން ލަނޑުގެ ފައިދާއަކާއި ތިންޕޮއިންޓާއެކު އެވެ.