04 Mar 2018, 11:30
ބ. އަތޮޅުގައި އަމިއްލަ ފަރާތަކުން ހަދާ ލަގްޒަރީ ރިސޯޓް "ދަ ނައުޓިލަސް މޯލްޑިވްސް" މި އަހަރުގެ ނޮވެންބަރު މަހު ހުޅުވަން ނިންމައިފި އެވެ.
ކުޑަ ކުޑަ ރަށެއްގައި ހަދަމުންދާ ނައުޓިލަސް މޯލްޑިވްސްއަކީ 30 އަހަރަށް ވުރެ ގިނަ އަހަރުވަންދެން ވިޔަފާރިއާއި ރިސޯޓްތައް ހިންގުމުގެ ތަޖުރިބާ ލިބިފައިވާ ޑރ. އިބްރާހިމް އުމަރު މަނިކްގެ މޭސްތިރިކަމުގެ ދަށުން ހަދަމުންދާ ރިސޯޓެކެވެ.
ސައްބީސް ސޫޓް ހިމެނޭ އެ ރިސޯޓްގެ 15 ސޫޓަކީ ގޮޑުދޮށަށްވާ ގޮތަށް ގަސްތަކުގެ ތެރޭގައި ހަދާފައިވާ ސޫޓް ތަކެވެ. އަދި 11 ސޫޓްކީ މޫދުގައި ހަދާފައިވާ ވޯޓާވިލާ ސޫޓްތަކެވެ. ކޮންމެ ސޫޓެއް ވެސް ހަދާފައި ވަނީ ޕްރައިވެޓް ޕޫލަކާ އެކު ޕްރައިވެސީ ލިބޭނެ ގޮތަކަށެވެ.
ތިން ރެސްޓޯރަންޓަކުން ގެސްޓުން ބޭނުންވާ އެއްޗެހި ޝެފުންނާ ވާހަކަ ދައްކައިގެން ވެސް ލިބެން ހުންނަ އިރު އެ ރިސޯޓްގެ ސްޕާ އަކީ ވެސް އެޕޮއިންޓްމަންޓް ހައްދަން ޖެހޭ ސްޕާއެއް ނޫނެވެ. ގެސްޓުން ބޭނުންވާ ގަޑިއެއްގައި ސްޕާގެ ހިދުމަތް ލިބޭނެ އެވެ. އަދި ޔޮޓުގައި ދަތުރުކޮށް ހިތް ހަމަޖައްސަން ބޭނުންވާ ކޮންމެ ވަގުތެއްގައި ވެސް އެ ހިދުމަތް ވެސް އެ ރިސޯޓުން ލިބެން ހުންނާނެ ކަމަށްވެ އެވެ.
ނައުޓިލަސް މޯލްޑިވްސް ވެގެން ދާނީ މިހާތަނަށް ރާއްޖޭގައި ހަދާ ލަގްޒަރީ ރިސޯޓްތަކުގެ ތެރެއިން ވެސް ވަކިން ހާއްސަ ރިސޯޓަކަށެވެ. އަންނަ ނޮވެންބަރު މަހު އެ ރިސޯޓް ހުޅުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.