ހޮލީވުޑުގައި އޮތް ޖިންސީ ފުރައްސާރައިގެ ސަގާފަތާ ދެކޮޅަށް އަޑު އުފުލުމަށް ކުރިއަށް ގެންދިޔަ ކެމްޕެއިނަށް ސަޕޯޓު ދިނުމަށް މިއަހަރުގެ މިހާތަނަށް ބޭއްވި ގިނަ އެވޯޑު ހަފްލާތަކަށް ތަރިން ދިޔައީ ކަޅު ހެދުމުގައެވެ.

ނަމަވެސް މިރޭ ބާއްވާ އޮސްކާ އެވޯޑުގެ ރެޑްކާޕެޓުން ކަޅު ހެދުން ނުފެނުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް ހަބަރުތައް ބުނެއެވެ.

މި ކެޕްމެއިނުގައި އިސްކޮށް ހަރަކާތްތެރިވާ ތަރިން ބުނީ އޮސްކާ އެވޯޑު ހަފްލާގެ ތެރެއިން އެ ކެމްޕެއިނާ ގުޅުންހުރި ހަރަކާތެއް ފެނިދާނެ ކަމަށާއި، ރެޑް ކާޕެޓުގައި މިފަހަރު އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.

ހޮލީވުޑްގައި މަސައްކަތްކުރާ ކަޅު ނަސްލުގެ ތަރިންގެ ހަފްލާގައި ވެސް ވަނީ އެ ދާއިރާގައި އަންހެނުންނަށް ހުރި ގޮންޖެހުންތަކާއި ޖިންސީ ފުރައްސާރަ، އަދި ތަފާތު ކުރުންތަކާ ގުޅޭގޮތުން ވާހަކަ ދައްކައި ހިޔާލު ފާޅުކޮށްފައެވެ.

ޓައިމްސް އަޕް ކެމްޕެއިނަށް ސަޕޯޓު ދިނުމަށް، ޖެނުއަރީ މަހު ބޭއްވި ގޯލްޑަން ގްލޯބު ހަފްލާގައި ގިނަ ތަރިން ބައިވެރިވީ ކަޅު ހެދުމުގައެވެ.

އޮސްކާ އެވޯޑު ހަފްލާގެ ހޯސްޓް ޖިމީ ކިމެލް ވަނީ، މީޓޫ އަދި ޓައިމްސް އަޕް ކެމްޕެއިނާ ގުޅޭގޮތުން ހަފްލާގައި ވާހަކަ ދައްކާނެކަމަށް ބުނެފައެވެ.