04 Mar 2018, 11:20
ރާއްޖޭގައި މިހާރު އޮތް ސަރުކާރު ބަދަލު ކުރުމަކީ އިންޑިއާގެ މަސްލަހަތު އޮތް ކަމެއް ނޫން ކަމަށް އިންޑިއާގެ ކުރީގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޝިވްޝަންކަރު މެނަން ވިދާޅުވެއްޖެ އެވެ.
މެނަން އެފަދައިން ވިދާޅުވީ އިންޑިއާގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީން ކޮންމެ އަހަރަކު ބާއްވާ ފެސްޓިވަލެއްގައި އިއްޔެ ދަރިވަރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެދަރިވަރު ވަނީ ރާއްޖޭގެ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް އިންޑިއާ އިން ވަންނަން ޖެހޭތޯ ސުވާލުކޮށްފަ އެވެ.
މެނަން ވިދާޅުވި ގޮތުގައި މިހާރު އެ މައްސަލައަކީ ހަމައެކަނި އިންޑިއާ އިން ރާއްޖޭގެ ކަންތައްތަކުގެ ތެރެއަށް ވަނުމަށް ވުރެ ބޮޑު މައްސަލައެކެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުން ވަނީ އިންޑިއާ އިން ރާއްޖެ އަށް ގޮސް، މިހާރު އޮތް ސަރުކާރު ވައްޓާލައި އޭނާ ވެރިކަމަށް ގެނައުން ކަމަށް މެނަން ވިދާޅުވި އެވެ.
"ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުން ވަނީ އިންޑިއާ އިން ރާއްޖެއަށް ގޮސް، މިހާރު އޮތް ސަރުކާރު ވައްޓާލައި އޭނާ ވެރިކަމަށް ގެނައުން... ރާއްޖޭގެ ސަރުކާރު ބަދަލު ކުރުމަކީ އިންޑިއާގެ މަސްލަހަތު އޮތް ކަމެއް ކަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" މެނަން ވިދާޅުވި އެވެ.
މެނަން ވަނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު މަންމޯހަން ސިންހުގެ ވެރިކަމުގައި 2011 އިން 2014 އަށް އެގައުމުގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމު ފުރުއްވައިފަ އެވެ.
މިދިޔަ މަހުގެ ފަސް ވަނަ ދުވަހު، ރާއްޖޭގައި 15 ދުވަހުގެ މުއްދަތަށް އިޢުލާނު ކުރި ކުއްލި ނުރައްކަލުގެ ޙާލަތު ވަނީ، މިދިޔަ މަހުގެ 20 ވަނަ ދުވަހު، 30 ދުވަހުގެ މުއްދަތަށް އިތުރުކޮށްފަ އެވެ. އޭގެ ސަބަބުން އިންޑިއާގެ އެކްްސްޓާނަލް އެފެއާޒް މިނިސްޓްރީން ވަނީ ކުއްލި ނުރައްކަލުގެ ހާލަތު 30 ދުވަހަށް އިތުރު ކުރަން މަޖިލީހުން ރުހުން ދިނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށާއި އެކަމާ މެދު ކަންބޮޑުވާ ކަމަށް ބުނެފަ އެވެ.