ރެއާލް މެޑްރިޑުން ސްޕެނިޝް ލަލީގާގައި ރޭ ކުޅުނު މެޗުގައި ގެޓާފޭގެ މައްޗަށް ކުރި ހޯދީ 3-1 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ހާފްގެ ކުރީ ކޮޅުގައި ފޯވަޑް ލޮއިކް ރެމީއަށް ދެއްކި ރަތްކާޑާއެކު ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ގެޓާފޭ ކޮޅަށް ކްރިސްޓިއާނޯ ރޮނާލްޑޯ ދެ ގޯލް ޖަހައިފައިވާއިރު، ރެއާލްގެ އަނެއް ގޯލް ކާމިޔާބުކޮށްދިނީ ގެރެތު ބޭލެވެ.

މެޗުގެ 24 ވަނަ މިނެޓުގައި ބޭލްގެ ގޯލުން ރެއާލް ލީޑު ނެގިއިރު، ފުރަތަމަ ހާފްގެ ފަހު މިނެޓުގައި ރޮނާލްޑޯވަނީ ލަލީގާގައި އޭނާ ޖެހި 300 ވަނަ ގޯލާއެކު ރެއާލްއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ.

ރޭގެ މެޗުގެ 65 ވަނަ މިނެޓުގައި ގެޓާފޭއަށް ލިބުނު ޕެނެލްޓީން ޕޯޓެލޯ އެޓީމުގެ ގޯލް ކާމިޔާބުކޮށްދީފައިވާއިރު، ރޮނާލްޑޯ އޭނާގެ ދެވަނަ ގޯލް ޖެހީ 78 ވަނަ މިނެޓުގައެވެ.

މި ހަފްތާ ތެރޭގައި ޗެމްޕިއަންސް ލީގު ގަދަ 16ގައި ޕީއެސްޖީއާ ދެކޮޅަށް ރެއާލްއިން ނުކުންނަން ޖެހިފައި އޮތް ނަމަވެސް ރެއާލްއިންވަނީ އެ ޓީމުގެ ތަރިން ރޭގެ މެޗަށް ނެރެފައި --- ފޮޓޯ/ އޭޕީ

ރޮނާލްޑޯ ވެފައިވަނީ ލަލީގާ ތާރީހުގައި 300 ގޯލް ހަމަކުރި ދެވަނަ ކުޅުންތެރިޔާއަށެވެ. މިހާތަނަށް ލާލީގައި އެންމެ ގިނަ ގޯލް ޖަހާފައިވާ ކުޅުންތެރިޔާގެ ރެކޯޑާއެކު އެއްވަނައިގައި އޮތީ 372 ގޯލް ލަލީގާގައި ކާމިޔާބުކޮށްފައިވާ ބާސެލޯނާގެ ތަރި، ލިއޮނަލް މެސީއެވެ.

މެސީ 300 ގޯލް ލަލީގާގައި ހަމަކޮށްފައިވަނީ 334 މެޗުންނެވެ. ރޮނާލްޑޯ އެ އަދަދަށް ލަލީގާގައި ގޯލް ޖަހައިފައި މިވަނީ 286 މެޗުންނެވެ.

މިހާތަނަށް ގެޓާފޭއާ ދެކޮޅަށް ރޮނާލްޑޯ ކުޅުނު 15 މެޗުގެ ތެރެއިން 12 މެޗުގައި ރޮނާލްޑޯވަނީ ގޯލް ޖަހައިފައެވެ. އޭގެ ތެރެއިން ހަތަރު މެޗެއްގައި އޭނާވަނީ ހެޓްރިކްވެސް ހަދައިފައެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ފަސް ފަހަރަށް ހޯދައިފައިވާ ރޮނާލްޑ،ޯ ރެއާލްއާ ގުޅިފައިވަނީ 2009 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑުންނެވެ. ރޮނާލްޑޯވަނީ އެ ކްލަބާއެކު ދެފަހަރަށް ލީގު ކާމިޔާބުކޮށް ތިން ފަހަރު ޗެމްޕިއަންސް ލީގުވެސް އުފުލައިލާފައެވެ.

ރޭގެ މެޗުގައި ގޯލް ޖެހުމަށްފަހު ރޮނާލްޑޯ އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ

ރޭގެ މެޗުން މޮޅުވި ރެއާލް އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ. ހަތަރުވަނައިގައި އޮތް ވެލެންސިއާއަށް 26 މެޗުން 25 ޕޮއިންޓް ލިބޭއިރު، ރެއާލްވަނީ 27 މެޗުން 54 ޕޮއިންޓް ނަގައިފައެވެ. ތިންވަނައިގައި އެތުލެޓިކޯ އޮތީ 26 މެޗުން 61 ޕޮއިންޓާއެކުގައެވެ. އެއްވަނައިގައި އޮތް ބާސާއަށް ލިބެނީ 26 މެޗުން 66 ޕޮއިންޓެވެ.