04 Mar 2018, 10:41
ސްކޫލު ކުދިންނަށް ޓެބްލެޓް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ކުރާ މަސައްކަތުގައި ކޮރަޕްޝަން އެކުލެވިގެން ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
އެ ކޮމިޝަނުން އާންމުކޮށްފައިވާ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައި ވަނީ ޓެބްލެޓު ހޯދަން އާންމުކޮށް އިއުލާނު ކޮށްފައި ނުވި ނަމަވެސް، އެ މަޝްރޫއަށް ހަތް ފަރާތަކުން ޝައުގުވެރިކަން ފާޅުކުރި ކަމަށެވެ.
މި މަޝްރޫޢުގެ އެކި ބައިތައް އެކިފަރާތްތަކާ ޙަވާލުކުރުމަށް
ނިންމާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލް (އީވައިސީ)ގެ ބައްދަލުވުމެއްގައި ސަރުކާރުގެ ވަޒީރުން
ބައިވެރިވެގެން ކަމަށާއި ސްކޫލް ކުދިންނަށް "ވާވޭ" ބްރޭންޑުގެ ޓެބްލެޓު ހޯދުމަށް ނިންމާފައި ވަނީ އީވައިސީ އިން ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ.
އީވައިސީ އިން ނިންމާފައި ވަނީ އެ މަޝްރޫއުގެ ނެޓްވޯކިން އެންޑް އިންފްރާސްޓްރަކްޗާ ކޮންޕޯނަންޓް ވަކި
ކުންފުންޏަކަށް ޙަވާލުކުރުމަށެވެ. އަދި ޑިޖިޓަލް ކޮމްޕޯނަންޓްގެ ކަންކަން ބޭރުގެ ޔުނިވަރސިޓީއަކާ ޙަވާލުކުރުމަށެވެ.
އެމަޝްރޫއުގެ އެކި ބައިތަކަށް ޕްރޮޕޯޒަލް ހުށަހަޅާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ އަގުތަކަށް ބަލާ އިރު، ޓެބްލެޓްތައް ފޯރުކޮށްދިނުމަށް ހުށަހަޅާފައިވާ އަގާއި ނެޓްވޯކިން އެންޑް އިންފްރާސްޓްރަކްޗާއަށް ހުށަހަޅާފައިވާ އަގާއި ޑިޖިޓަލް ކަރިކިއުލަމްއަށް ހުށަހަޅާފައިވާ އަގު ޖުމްލަ ކުރުމުން، ވަކިވަކި ކުންފުންޏަށް ހަވާލު ކުރަން ސަރުކާރުން ނިންމީ، އެއީ އެންމެ ހަރަދު ކުޑަގޮތަށް ވާތީ ކަމަށް އޭސީސީ އިން ބުނެފައިވެ އެވެ.
ޑިޖިޓަލް ސްކޫލް އިނިޝިއޭޓިވް މަޝްރޫއުގެ އެއްވެސް ކަމެއް ކުރުމަށް އާއްމުކޮށް އިއުލާން ނުކުރި ނަމަވެސް އެ މަޝްރޫގެ ކަންތައް ކުރިޔަށް ގެންގޮސްފައި ވަނީ "އާންމުކޮށް ބީލަމަށް ހުޅުވާނުލައި ބީލަން ކުރިޔަށް ގެންދިއުން"ގެ ގަވައިދާ އެއްގޮތަށް ކަމަށާއި އެކަމުގައި ކޮރޮޕްޝަންގެ ކުށެއް ހިމެނިފައި ނުވާ ކަމަށް އޭސީސީ އިން ވަނީ ނިންމައިފަ އެވެ.
ސްކޫލުތައް ޑިޖިޓަލައިޒްކުރުމަށް ޓެބްލެޓު ހޯދަން ހަވާލުކޮށްފައި ވަނީ މެކްސްކޮމް އާ އެވެ. އަންނަ މެއި މަހު ސްކޫލުތަކުގައި ޓެބްލެޓް ބޭނުންކުރަން ފަށާއިރު މި މަޝްރޫއަށް ސަރުކާރުގެ ބަޖެޓުގައި 150 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.