ބްރެޒިލް އަދި ޕީއެސްޖީގެ ތަރި، ނޭމާގެ ސާޖަރީ ކާމިޔާބުކަމަށާއި ކުރިއަށް އޮތް ހަ ހަފްތާގެ ތެރޭގައި ރިކަވަރީގެ މަސައްކަތް ފަށާނެ ކަމަށް ޕީއެސްޖީން ބުނެފި އެވެ.

ފްރާންސް ލީގުގައި މާސޭއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި ނޭމާގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއާ ގުޅިގެން ބްރެޒިލްގެ ޓީމު ޑޮކްޓަރު، ރޮޑްރީގޯ ލާސްމާ ބުނެފައި ވަނީ އޭނާގެ ކުޑަހުޅުގެ މަޑު ކަށިކޮޅެއް ބިންދައިގެން ގޮސްފައިވާ ކަމަށެވެ.

ނޭމާގެ އަނިޔާއާ ގުޅިގެން އޭނާއަށް ސާޖަރީއެއް ބޭނުން ނުވާނެ ކަމަށް ޕީއެސްޖީގެ ކޯޗު އުނޭ އެމްރޭ ކުރިން ބުނި ނަމަވެސް ބްރެޒިލް ގައުމީ ޓީމުގެ ޑޮކްޓަރު ރޮޑްރީގޯ ބުނީ ނޭމާގެ ރިކަވަރީއަށް ކޮންމެހެންވެސް ސާޖަރީއެއް ބޭނުންވާނެ ކަމަށެވެ.

ނޭމާގެ އަނިޔާއާ ގުޅިގެން ޕީއެސްޖީން މިދިޔަ ހަފްތާގައި ނެރުނު ބަޔާނުގައި ބުނެފައި ވަނީ ނޭމާ ސާޖަރީ ހަދަން ނިންމީ ޕީއެސްޖީއާއި ބްރެޒިލްގެ މެޑިކަލް ޓީމުން ތިން ދުވަސްވަންދެން މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

ޑޮކްޓަރު ރޮޑްރީގޯ ލާސްމާ: ނޭމާގެ ސާޖަރީއާ ގުޅޭގޮތުން އޭނާވަނީ ނޫސްވެރިންނަށް މައުލޫމާތު ދީފައި --- ފޮޓޯ/ އޭޕީ

ނޭމާގެ ސާޖަރީ ބްރެޒިލްގެ ބެލޯ ހޮރިޒޯންޓޭގެ މަޓާ ޑެއި ހޮސްޕިޓަލްގައި އިއްޔެ ކުރިއަށް ގެންގޮސްފައިވާ އިރު ޕީއެސްޖީން ބުނެފައި ވަނީ ނޭމާގެ ސާޖަރީ ކާމިޔާބުކަމަށާއި ހަ ހަފްތާ ވަންދެން ބެލުމަށް ފަހު ރިހިބިލިޓޭޝަން ޕްރޮގްރާމްތައް ފަށާނެ ކަމަށެވެ. ނޭމާގެ ފައިގެ ކުޑަހުޅުގެ ސާޖަރީ ހަދާފައި ވަނީ ބްރެޒިލްގެ ޓީމު ޑޮކްޓަރު ރޮޑްރީގޯ އެވެ.

ނޭމާގެ ޑޮކްޓަރުންގެ ޓީމުގައި ހިމެނޭ ބްރެޒިލް ގައުމީ ޓީމުގެ ޑޮކްޓަރު، ރޮޑްރީގޯ ކުރިން ބުނެފައި ވަނީ ނޭމާގެ ރިކަވަރީއަށް ތިން މަސް ބޭނުންވާނެ ކަމަށާއި އަންނަ ޖޫން މަހުގައި އޮންނަ ވޯލްޑް ކަޕްގެ ކުރިން ނޭމާ ފިޓްވާނެ ކަމަށް ބެލެވޭ ކަމަށެވެ.

ސްޕެއިންގެ ބާސެލޯނާއަށް ކުޅުމަށް ފަހު ދުނިޔޭގެ ރެކޯޑު އަގަކަށް ނޭމާ ޕީއެސްޖީއަށް ބަދަލުވީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގަ އެވެ. ޕީއެސްޖީއާ ގުޅުނުފަހުން އުމުރުން 26 އަހަރުގެ ނޭމާވަނީ 30 މެޗުން 29 ގޯލް ޖަހައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ.