23 Aug 2011, 11:48
މެންޗެސްޓާ ޔުނައިޓެޑްގެ ސްކޮޑާއެކު ތަމްރީނުތަކުގައި ބައިވެރިވެ ކުޅުމާއި ގާތަށް އާދެވިފައިވާކަމަށާއި އަވަހަށް ފިޓުވޭތޯ މަސައްކަތް ކުރާނެ ކަމަށް އަނިޔާގައިހުރި އެ ޓީމުގެ މެކްސިކޯ ފޯވާޑް ހާވިއާ ހެނާންޑޭޒް )ޗިޗާރިޓޯ( ބުނެފިއެވެ. މިދިޔަ މަހު މެންޔޫއާއެކު ހެނާންޑޭޒް އެމެރިކާއަށް ކުރި ދަތުރުގައި އޭނާގެ ބޮލަށް ލިބުނު އަނިޔާ އާއި ގުޅިގެން އޭނާ ހުރީ ކުޅުމާ ދުރުގަ އެވެ. މެންޔޫއާއި ޓޮޓެންހަމް ރޭ ބައްދަލުކުރި މެޗުގެ ފަހު އަށް މިނެޓު ހެނާންޑޭޒް ކުޅެފައި ވެއެވެ.
"އަހަރެންގެ ބޮލަށް ލިބުނު އަނިޔާ މިހާރު ރަނގަޅު. ޓީމާއެކު ފަރިތަކުރުންތަކުގައި ބައިވެރިވާތާ މިހާރު ތިނެއް ނޫނީ ހަތަރު ދުވަސް ވާނެ. ކޯޗަށް އަހަރެން ރަނގަޅުކަން އެނގުމުން އަރުވާނެ. އަހަރެން އޮތީ ފިޓުވުމަށް މަސައްކަތްކުރުން." ހެނާންޑޭޒް ބުންޏެވެ.
އެމެރިކާގެ ނިއު ޖާޒީގައި އޭނާއަށް ލިބުނު އަނިޔާވީ ގޮތާއި މެދު ވާހަކަ ދައްކާފައިވެއެވެ. "އަހަރެން ބޮލުން ބޯޅާގައި ޖަހަން މަސައްކަތްކުރަން އުޅެނިކޮށް ރަނގަޅަށް ބޯޅާގައި ލައްވާނުލާ ކޮންމެވެސް ވަރަކަށް ތަދެއް އައިކަން އިހްސާސްވި. ހޮޓަލަށް ގޮސް ކައި ނިމިގެން އެނދުގައި އޮށޯވެލިތަނާ ތަދު ހުރި ވަރު ވަރަށް ބޮޑަށް އިޚްސާސްވި. އެހެންވެ އަހަރެން ޑޮކްޓަރަށް ގުޅީމަ ހޮސްޕިޓަލަށް ގެންދިޔައީ." ހެނާޑޭޒް ބުންޏެވެ.
ހެނާންޑޭޒްއަކީ 2010 ވަނަ އަހަރުގެ ވޯލްޑްކަޕުގައި ވިދާލި ޒުވާން ކުޅުންތެރިއެކެވެ. ވޯލްޑްކަޕުގެ އިތުރުން ނިމިގެންދިޔަ ގޯލްޑްކަޕް މެކްސިކޯއަށް ކާމިޔާބުކޮށްދިނުމުގައި އިސްދަޢުރެއް އޭނާ ވަނީ އަދާކޮށްފަ އެވެ. މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ފުރަތަމަ ސީޒަނުގައިވެސް ހެނާންޑޭޒްވަނީ އެޓީމަށް މުހިންމު ލަނޑުތަކެއް ކާމިޔާބުކޮށްދީފައެވެ. އެގޮތުން މިދިޔަ ސީޒަންގައި ހަތާވީސް މެޗް ކުޅެ ހެނާންޑޭސްވަނީ މެންޔޫއަށް 13 ގޯލު ކާމިޔާބުކޮށްދިނެވެ.