ވޮޝިންޓަން (މާޗް 4): އެމެރިކާގެ ވައިޓް ހައުސް ކައިރީގައި މީހަކު އަމިއްލައަށް މަރުވެއްޖެ ކަމަށް ސީކްރެޓް ސާވިސް އިން ބުނެފި އެވެ.

ފުލުހުން ބުނި ގޮތުގައި އިއްޔެ މެންދުރުގެ ވަގުތެއްގައި އެމީހާ ވަނީ ވައިޓް ހައުސް ފެންސް ކައިރިއަށް ދިޔުމަށް އަމިއްލަ ގަޔަށް ބަޑި ޖަހައިފަ އެވެ.

އަދި އެ ހާދިސާ ހިނގި ވަގުތު އެސަރަހައްދުގައި ގިނަ އަދަދެއްގެ މީހުން ތިބި ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެ އެވެ.

އެހާދިސާ ހިނގާފައި ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕާއި އަނބިކަނބަލުން މެލާނިއާ ޓްރަމްޕް ފްލޮރިޑާއަށް ވަޑައިގަތް ފަހުންނެވެ. އެދެ ބޭފުޅުން ވަނީ ރޭ ވައިޓް ހައުސްއަށް ވަޑައިގެންފައި ކަމަށް ރިޕޯޓުތަކުގައިވެ އެވެ.

ވައިޓް ހައުސްގައި މީގެ ކުރިން ވެސް އެފަދަ ހާދިސާތަކެއް ހިނގާފައިވެ އެވެ. އެގޮތުން މިދިޔަ މަހުގެ 23ގައި އަންހެނަކު ވަނީ އޭނާގެ ކާރުން ވައިޓް ހައުސްގެ ސެކިއުރިޓީ ބެރިއަރުގައި ޖައްސާފަ އެވެ. އުމުރުން 35 އަހަރުގެ އެމީހާ ވަނީ ހައްޔަރުކޮށްފައި އެވެ. (ބީބީސީ)