ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މާލޭގައި ބާއްވަމުންދާ އެއްވުުންތަކުގެ ތެރެއިން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި 48 މީހަކު ހައްޔަރުކުރި ކަމަށާއި އޭގެ ތެރެއިން މިހާރު ފުލުހުންގެ ބަންދުގައި ހުރީ އެކަކު ކަމަށް ފުލުހުން ބުނެފި އެވެ.

ރޭ ފުލުހުން ކުރި ޓުވީޓެއްގައި ބުނީ 48 މީހަކު ހައްޔަރުކޮށް 47 މީހުން ވަރަށް އަވަހަށް ދޫކޮށްލާފައިވާ ކަމަށެވެ.

އެއްވުންތަކުގެ ތެރެއިން ފުލުހުންގެ ހައްޔަރަށް މީހުން ގެންދަނީ ފުލުހުންގެ ދައުރަށް ހުރަސްއަޅާ، އަމުރަށް ނުކިޔަމަންތެރިވުމުގެ ސަބަބުން ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އާންމު ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ފުލުހުންނަށް އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.

މިހާރު ރާއްޖޭގައި އޮތް ސިޔާސީ ނުތަނަވަސްކަމާ އެކު އިދިކޮޅުފަރާތްތަކުން ދަނީ ކޮންމެ ރެއަކު ވެސް މާލޭގައި އެއްވުންތައް ބާއްވަމުންނެވެ. އާންމު ރައްޔިތުންނަށް އުނދަގޫވާނެތީ ރޭގަނޑު 10:30ގެ ފަހުން އެއްވުންތައް ނުބޭއްވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ އެވެ.