މޯލްޑިވިއަން އައިޑަލްގެ ޕިޔާނޯ ރައުންޑްގެ ފުރަތަމަ އަށް ބައިވެރިންގެ ހުށައެޅުންތަކަށް ފަހު ރޭ ބޭއްވި އެލިމިނޭޝަން ޝޯގައި ވަނީ އޭގެ ތެރެއިން ދެ ބައިވެރިއަކު ކަޓައިފަ އެވެ.

ދެ ބައިވެރިން އައިޑަލްގެ ދަތުރުން އަލްވަދާއު ކިޔާފައިވާ އިރު ރޭ ވަނީ ގާލާ ރައުންޑް އަށް ދަތުރު ކުރާ 12 ބައިވެރިންގެ ތެރެއިން ހަ ބައިވެރިން ކަށަވަރުވެފަ އެވެ.

ރޭ ޝޯ އާ އަލްވަދާއު ކިޔާފައި ވަނީ އަހްމަދު އިޝާމް އާއި ނިސްފާ މުސްތަފާ އެވެ.

ގާލާ ރައުންޑް އަށް ދަތުރު ކުރި ފުރަތަމަ ހަ ބައިވެރިންނަކީ މައީޝާ، ޝާން ޝަރީފު، އަބްދުﷲ މުނާޒް، އަބްދުﷲ މުރްޝިދު، އައިޝަތު އަޒަލް އަދި ރައިހާން އާދަމް އެވެ.

ގާލާ ރައުންޑް އަށް ދަތުރު ކުރި ބައިވެރިންނަކީ ޖަޖުންގެ 50 ޕަސެންޓް މާކުސް އަދި ބެލުންތެރިންގެ 50 ޕަސެންޓް ވޯޓު އެއްކޮށްލުމާ އެކު، އެންމެ މަތިން މާކުސް ލިބުނު ބައިވެރިންނެވެ.

ރޭ ބޭއްވި އެލިމިނޭޝަން ޝޯ ގައި އަޑުއަހާލަން ފަސޭހަ ރީތި ޑުއެޓް ލަވަތަކެއް އެ ބައިވެރިން ވަނީ ހުށައަޅާފައެވެ.

އަންނަ ހުކުރު ދުވަހުގެ ރޭ ޕިޔާނޯ ރައުންޑްގެ ދެވަނަ ބުރު ބާއްވާ، އެ ރޭގެ ޝޯގައި ހުށައަޅައިދޭނެ ބައިވެރިންނަކީ ތިއޭޓާ ރައުންޑް އިން ގޯލްޑަން މައިކް ލިބުނު އާމިނަތު ސައިނާ، ހަސަން ޝަހުދާން، އިބްރާހިމް ޝަމީލު އެވެ.

އޭގެ އިތުރުން ސަލްވާ، ނާޒިހް، ނައުޝާދް، އިޝާން އަދި ތަސްލީމް ވެސް އަންނަ ހުކުރު ދުވަހުގެ ރޭ ލަވަ ހުށައަޅާނެ އެވެ.