04 Mar 2018, 08:53
އިނގިރޭސި ޕްރިމިއާލީގުގައި ރޭ ކުޅުނު މެޗުން ނިއުކާސަލްގެ މައްޗަށް ކުރިހޯދާ ލިވަޕޫލުން ތާވަލުގެ ދެވަނައަށް ޖެހިލައިފިއެވެ.
ލިވަޕޫލްގެ އެންފީލްޑްގައި ރޭ ކުޅުނު މެޗު، އެޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ލިވަޕޫލްގެ ގޯލްތައް ކާމިޔާބުކޮޮށްދިނީ މުހައްމަދު ސަލާހް އަދި ސަޑިއޯ މަނޭއެވެ.

މެޗުގެ ދެވަނަ ގޯލް ކާމިޔާބުކުރި މަނޭއާއެކު ލިވަޕޫލްގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ/ އޭޕީ
މިހާތަނަށް ލިވަޕޫލަށް ސަލާހް ކުޅުނު 38 މެޗުން 32 ގޯލް ކާމިޔާބުކޮށްފައިވާއިރު، އޭނާ އެ ކްލަބާ ގުޅުނީ ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާ ގައެވެ. ލިވަޕޫލް ޖާޒީގައި ކުޅުނު 26 މެޗުގައި ގޯލް ޖަހައިފައިވާ ސަލާހަކީ މި ސީޒަންގައި ޔޫރަޕްގެ ގަދަ ފަސް ލީގުގައިވެސް، އެންމެ ގިނަ މެޗުގައި ގޯލް ޖަހައިފައިވާ ކުޅުންތެރިޔާއެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ލިވަޕޫލްގެ ކޯޗު، ޔާގަން ކްލޮޕް ބުނެފައިވަނީ ސަލާހްގެ ކުޅުމަށް އޭނާ ވަރަށް ބޮޑަށް ލޯބި ޖެހިއްޖެ ކަމަށެވެ.
"ސަލާހްގެ ގޯލްތައް، ސަލާހްގެ އެސިސްޓް، ސަލާހްގެ ހުރިހާ ކަމަކަށްވެސް އަހަރެން ލޯބިކުރަން،" ކްލޮޕް ބުންޏެވެ.
ކްލޮޕް ބުނީ ސަލާހު ކިތައްމެ މޮޅު ނަމަވެސް އޭނާއާ އެއްވަރަށް ޓީމުގެ އެހެން ކުޅުންތެރިންވެސް މުހިއްމު ކަމަށާއި، ސަލާހްގެ ކުޅުން މޮޅީވެސް މުޅި ލިވަޕޫލް އެކުގައި ކުޅޭތީ ކަމަށެވެ.

ލިވަޕޫލާ ނިއުކާސަލް ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ
ރޭގެ މެޗުން މޮޅުވެ، ކުޅުނު 29 މެޗުން 60 ޕޮއިންޓާއެކު ލިވަޕޫލް އޮތީ ލީގު ތާވަލުގެ ދެވަނައިގައެވެ. ތިންވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް އެއް މެޗު މަދުން ކުޅެ ލިބުނީ 59 ޕޮއިންޓެވެ.
މެންޗެސްޓާ ޔުނައިޓެޑުން މި ހަފްތާ ތެރޭގައި ކްރިސްޓަލް ޕެލެސްއާ ދެކޮޅަށް ނުކުންނައިރު، ލީގު ތާވަލުގެ އެއްވަނައިގައި މެންޗެސްޓާ ސިޓީ އޮތީ 28 މެޗުން 75 ޕޮއިންޓާއެކުގައެވެ. ސިޓީން މިއަދު ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.