އިނގިރޭސި ކުލަބް ލިވަޕޫލްއަށް ކުޅެމުންއައި ގްރީސްގެ ޑިފެންޑަރު ސޮޓިރިއޯސް ކިރްގިއާކޯސް ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ޖަރުމަންގެ ވޮލްފްސްބާގަށް ސޮއިކޮށްފި އެވެ.

ރަފެއަލް ބެނިޓޭޒްގެ ކޯޗްކަމުގެ ދަށުން 2009 ވަނަ އަހަރު ލިވަޕޫލަށް ގެނައި ޑިފެންޑަރު ކިރްގިއާކޯސް ވަނީ އެޓީމަށް ސާޅީސް ނުވަ މެޗް ކުޅެދީ ތިން ގޯލު ޖަހައިދީފައެވެ. ލިވަޕޫލަށް ކިރްގިއާކޯސް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑު ފެނިގެންދިޔައީ 16 ޖެނުއަރީ 2010 ގައި ސްޓޯކް ސިޓީއާއި ދެކޮޅަށް ކުޅުނު މެޗުންނެވެ.

ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ލިވަޕޫލާއި ގުޅުނު ކިރްގިއާކޯސްގެ އެއްބަސްވުމުގެ މުއްދަތު މިދިޔަ ޖެނުއަރީ މަހު ހަމަވުމުން އޭނާ ވަނީ އިތުރު އެއްއަހަރު ދުވަހު އެކުލަބާއި އެކު ކުޅުމަށް އެއްބަސްވެފައެވެ. ކިރްގިއާކޯސް ލިވަޕޫލް ދޫކޮށް ދިއުމުން އެތަން ފޫބެއްދުމަށް މާޓިން ކެލީ ބޭނުންކުރާނެކަމަށް ބެލެވެއެވެ.