ކްލަބު އީގަލްސްގެ ބްރެޒިލް ފޯވަޑް، ލުއިޒް އެޑުއާޑޯގެ ހެޓްރިކާއެކުވެސް ކްލަބު ވެލެންސިއާއާ ދެކޮޅަށް އެ ޓީމުން ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ރޭ ކުޅުނު މެޗުން ދެޓީމު އެއްވަރުވެފައިވަނީ 3-3 ގެ ނަތީޖާއަކުންނެވެ.

އީގަލްސްއިން ރޭގެ މެޗަށް ނުކުތީ ވިކްޓްރީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކޮށް ތިން ޕޮއިންޓާއެކުގައެވެ. އެއާ ހިލާފަށް ވެލެންސިއާ މެޗަށް ނުކުތީ ފުރަތަމަ މެޗުގައި ޔޫވީ އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެ އުނދަގޫ ހާލަތެއްގައި އޮވެގެންނެވެ.

މާލޭ ލީގުގައި ރޭ ވެލެންސިއާއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިފައިވަނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެޗުގެ ކުރީކޮޅުގައި ވެލެންސިއާއިން ވަނީ ލީޑު ނަގައިފައެވެ. ހަތްވަނަ މިނެޓުގައި ވެލެންސިއާގެ ގޯލް ކާމިޔާބުކޮށްދިނީ ރީގާ ސާގީއެވެ. ގޯލަށްފަހު ވެލެންސިއާއިން ހިތްވަރާއެކު ކުޅެމުންދިޔައިރު، އީގަލްސްގެ ޕާސިން ފުޓުބޯޅަ ކުޅެން ފެށިތަން ފެނިގެންދިޔައެވެ.

މެޗުގެ 43 ވަނަ މިނެޓުގައި އީގަލްސް ފޯވަޑް ލުއިޒްވަނީ އެޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގެ ނަތީޖާ އެއްވަރުކޮށް އީގަލްސްއިން ހާފް ނިންމާލަން ދިޔަނަމަވެސް ވެލެންސިއާގެ މަހުރޫސް މުޖުތަބާ (މައްލު)ވަނީ އަނެއްކާވެސް ވެލެންސިއާއަށް ލީޑު ނަގައިދީފައެވެ.

ދެވަނަ ހާފްވެސް ވަރުގަދަކޮށް ފެށީ އީގަލްސްއިންނެވެ. މެދުތެރެއިން ބޯޅަ ޑޮމިނޭޓްކޮށް ކުޅެމުންދިޔަ އީގަލްސްއިން މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަކުރީ މެޗުގެ 59 ވަނަ މިނެޓުގައެވެ. އެ ގޯލްވެސް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ލުއިޒްއެވެ.

އީގަލްސްގެ ގޯލަށްފަހު އެޓީމުން ކުޅުން ރަނގަޅު ކުރި ނަމަވެސް ވެލެންސިއާއިން ދިޔައީ ލިބުނު ކައުންޓާ އެޓޭކް ބޯޅަތަކުގައި ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން 67 ވަނަ މިނެޓުގައި އަންސަރު އިބްރާހީމްގެ ގޯލާއެކު ވެލެންސިއާއިން އަނެއްކާވެސް ލީޑު ނެގިއެވެ.

މާލޭ ލީގުގައި ރޭ ވެލެންސިއާއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިފައިވަނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މެޗުގައި ތިންވަނަ ފަހަރަށް ވެލެންސިއާއިން ލީޑު ނަގުމަށްފަހު ފެނުނީ ވަރަށް ބޮޑަށް ފަހަތަށް ޖެހި ޑިފެންސަށް ވިސްނައިގެން ކުޅުނު ތަނެވެ. އެހެން ނަމަވެސް މެޗުގެ 87 ވަނަ މިނެޓުގައި ލުއިޒްގެ ރީތި ގޯލާއެކު އޭނާވަނީ އަނެއްކާވެސް ނަތީޖާ ހަމަހަމަ ކޮށްފައެވެ. ލުއިޒްގެ ގޯލައަކީ ވެލެންސިއާގެ އޭރިއާ ތެރެއިން ކީޕަރު ޖުން ކޮޗީގެ ބޯމަތިން ވަރަށް ރީތިކޮށް ވައްދާލި ގޯލައެކެވެ.

މާލޭ ލީގުގައި ރޭ ވެލެންސިއާއާއި އީގަލްސް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިފައިވަނީ 3-3 ގެ ނަތީޖާއަކުން އެއްވަރުވެގެން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލޭ ލީގުގެ ކުޅުން ދެން އޮންނާނީ އަންނަ ހަފްތާގެ ހޮނިހިރު ދުވަހުއެވެ. އެދުވަހު ހަވީރު އޮންނަ މެޗުގައި ވާދަކުރާނީ ކްލަބު ގްރީން ސްޓްރީޓްސްއާއި އީގަލްސްއެވެ. ހޮނިހިރު ދުވަހުގެ ރޭ މެޗެއް ނޯންނައިރު، އާދީއްތަ ދުވަހު ދެ މެޗު އޮންނާނެއެވެ. އާދިއްތަ ދުވަހު ހަވީރު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާއި ވެލެންސިއާއެވެ. އެރޭ އޮންނަ މެޗުގައި ވާދަކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.