ރާއްޖޭގެ ޒުވާން ދުވުންތެރިޔާ މުހައްމަދު ނާއިލް، އިންޑޯ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު މުގުރާލައިފިއެވެ.

އިންޑޯ 400 މީޓަރު ދުވުމުގެ ރެކޯޑު ނާއިލް މުގުރާލާފައިވަނީ އިނގިރޭސިވިލާތުގައި ކުރިއަށްދާ އައިއޭއޭއެފް ވޯލްޑް އިންޑޯ ޗެމްޕިއަންޝިޕްގައި ދުވެގެންނެވެ.

ވޯލްޑް އިންޑޯ ޗެމްޕިއަންޝިޕްގެ 400 މީޓަރު ދުވުމުގައި ވާދަކޮށް، ނާއިލް ގައުމީ ރެކޯޑު މުގުރާލާފައިވަނީ 49.98 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.

އިންޑޯ 400 މީޓަރު ދުވުމުގެ ރެކޯޑު ކުރިން އޮންނަ ދުވުންތެރިޔަކީ ބޮސްޓްވާނާގައި ތަމްރީންތައް ފުރިހަމަކުރަމުންދާ އަލީ ޝާމްއެވެ. އޭނާ ރެކޯޑު ގާއިމްކޮށްފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އޭޝިއަން އިންޑޯ މާޝަލް އާޓް ގޭމްސްގައެވެ. އޭނާ ރެކޯޑު ހަދާފައިވަނީ 51.37 ސިކުންތުން ދުވުން ފުރިހަމަކޮށްގެންނެވެ.

ޝާމްއާއެކު ބޮސްޓްވާނާގައި ތަމްރީންތައް ފުރިހަމަކުރަމުންދާ ނާއިލް ވަނީ މިދިޔަ މަހުގެ ތެރޭގައި 400 މީޓަރު ޖޫނިއާ ރެކޯޑްވެސް އާކޮށްފައެވެ.