04 Mar 2018, 00:10
ރާވާލީ ޕްރައިވެޓް ލިމިޓެޑާއި ޕޭން-އެބޯޑްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ރާވާލީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އައްބާސް ވަހީދާއި މެނޭޖިން ޑިރެކްޓަރު ފަޒްލީނާ އައްބާހެވެ. ޕޭން-އެބޯޑުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ރައީސް ރައުވިން މަންހަސްއާއި ޑިރެކްޓަރ އޮފް އޮޕަރޭޝަންސް އަބީ މަންއެވެ.
އެ އެއްބަސްވުމުގެ ދަށުން ޕޭން-އެބޯޑްގެ އުފެއްދުންތައް ރާއްޖެ އެތެރެކުރާ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރަކީ ރާވާލީއެވެ.
ޕޭން-އެބޯޑްއަކީ 1948ގައި އެފެއްދި ކެނެޑާގެ ކުންފުންޏެކެވެ. އެ ކުންފުންޏަކީ ވެސްޓަރން ރެޑް ސީޑަރ ނަމަކަށް ކިޔާ ލަކުޑިން ރާވާލެވޭގޮތަށް އިމާރާތް ކުރުމަށް ބޭނުންވާ ބައިތައް ފަރުމާކުރާ ކުންފުންޏެކެވެ.
ލަކުޑިން އެކި ބައިތައް ވަކިވަކިން ރާވާލެވޭގޮތަށް ޕޭން-އެބޯޑްއިން ބޭނުންކުރާ 'އިންޓަރލޮކިން ބިލްޑިން ސިސްޓަމް' އަދި 'ލޮކް ޖޮއިންޓް ކޯނަރސް' އަކީ ޕޭން-އެބޯޑް ކުންފުނީގެ ހާއްސަ އުފެއްދުންތަކެވެ.
ޕޭން-އެބޯޑްގެ ފަރާތުން ކަސްޓަމަރުން ބޭނުންވާގޮތަށް ގޭގެ ފްލޯ ޕްލޭން ކުރަހައިދީ، ލަކުޑިން ރާވަންވީ ބައިތައް ކަސްޓަމަރުން ބޭނުންވާ ޑިޒައިންއަށް ފަރުމާކޮށް، ފަސޭހަކަމާއެކު ރޭވޭގޮތަށް ވަކިވަކިން ޕެކޭޖް ކޮށްފައި ފޮނުވައިދޭނެ ކަމަށް ރާވާލީ އިން ބުންޏެވެ.