03 Mar 2018, 19:13
މާލޭ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސް ވާދަކުރި މެޗު 2-2ގެ ނަތީޖާއަކުން އެއްވަރުވެގެން ނިމިއްޖެއެވެ.
މިމެޗަށް ނުކުތްއިރު ގްރީނުން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅެ އެއްވަރުވީވެސް 2-2ގެ ނަތީޖާއަކުންނެވެ. ޓީސީން ލީގުގައި ފުރަތަމަ ކުޅުނު މެޗުން ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބު އަތުން ބަލިވީ 3-1ގެ ނަތީޖާއަކުންނެވެ.

މާލޭ ލީގުގައި ޓީސީއާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ގްރީނުން ފަހުވަގުތު ގޯލް ޖަހައި އެއްވަރު ކޮށްފައިވާއިރު މެޗުގެ ފުރަތަމަ ގޯލްވެސް ޖެހީ ގްރީނުންނެވެ.
މެޗުގެ ހަވަނަ މިނެޓުގައި ގްރީނުން ލީޑު ނަގާފައިވަނީ ޓީސީގެ ޑިފެންޑަރު އަހުމަދު އައިހަމް އަތުން ބައިކޮޅަށް ވަން ގޯލަކާއެކުއެވެ. ލީޑު ނެގުމަށްފަހު ގްރީނުން ވަނީ ފުރަތަމަ ހާފްގައި ރަނގަޅު ކުޅުމެއް ދައްކައިފައެވެ.

މާލޭ ލީގުގައި ޓީސީއާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ގްރީނުން ލީޑުގައި އޮވެ ފުރަތަމަ ހާފް ނިންމާލިއިރު ދެވަނަ ހާފަށް ނުކުމެ ޓީސީ ވަނީ ކުޅުން ރަނގަޅުކޮށްފައެވެ. ހާފް ފެށިގެން މެޗުގެ 50 ވަނަ މިނެޓުގައި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)ގެ ގޯލުން ޓީސީ ނަތީޖާ ހަމަހަމަކުރިއެވެ.
މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށްފަހު ޓީސީން މެޗު ޑޮމިނޭޓްކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެގޮތުން ފޭދޫ އިއްބެގެ އިތުރުން އިބްރާހީމް ވަހީދު (އިއްބެ)ގެ ހަމަލާތައް ފާހަގަކޮށްލެވުނެވެ. އެ ހަމަލާތަކުގެ ހުރަހަކަށްވީ މިއަދުގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ގްރީންގެ ކީޕަރު ސާގީ ސްމޮރދިނެވެ.
ޓީސީން ފުރަތަމަ ފަހަރަށް މެޗުގެ ލީޑު ނެގީ 76 ވަނަ މިނެޓުގައެވެ. އެ ގޯލް ޓީސީއަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާހީމް ވަހީދެވެ. ގްރީންގެ އޭރިއާ ބޭރުން ފޮނުވާލި ހަމަލާ އޭނާ ވަރަށް ރީތިކޮށް އަމާޒުކޮށްލީ ގޯލްގެ ކަނަށެވެ.

މާލޭ ލީގުގައި ޓީސީއާއި ގްރީން ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ 2-2ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ޓީސީގެ ގޯލަށްފަހުވެސް ގްރީންގެ ފަރާތުން ހިތްވަރާއެކު ކުޅުތަން ފެނިގެންދިޔައިރު އެޓީމުން ވަނީ ޓީސީގެ ގޯލަށް ނުރައްކާވެސް ކޮށްފައެވެ. އެގޮތުން ގްރީންގެ ކުރިއަށް ކުޅުނު ފޯވަޑް ރަސަލް ބިލާލާއާއި ބަދަލު ކުޅުންތެރިޔާ އިބްރާހީމް ރިޒުހާން އަދި ސޮބުލް އިލިއާގެ ހަމަލާތައް ފާހަގަ ކުރެވުނެވެ.
ގްރީނުން ނަތީޖާ ހަމަހަމަކުރީ މެޗުގެ ފަހު މިނެޓުގައެވެ. ގްރީންގެ އަރިމަތިން ކުޅެމުންދިޔަ މުހައްމަދު ރިސްވާން (ފުކޭ)، ޓީސީގެ ހަތަރު ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށްފަހު ޓީސީގެ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ ކީޕަރު އިފްރާހް އަރީފް ދިފާއުކުރި ނަމަވެސް އަހުމަދު ރިލުވާން ވަނީ ރީބައުސް ބޯޅަ ގޯލަށް ވައްދާލައިފައެވެ.
މާލޭ ލީގުގެ މެޗެއް މިރޭވެސް އޮންނާނެއެވެ. ވާދަކުރާނީ ކްލަބު ވެލެންސިއާއި ކްލަބު އީގަލްސްއެވެ.