23 Aug 2011, 11:32
މެންޗެސްޓާ ޔުނައިޓެޑްގެ ބަލްގޭރިޔާ ފޯވާޑް ޑިމިޓްރީ ބާބަޓޯވް އަކީ ވިއްކާ ކުޅުންތެރިއެއް ނޫންކަމަށްބުނެ ކޯޗް އެލެކްސް ފާގަސަން ޕެރިސް ސޭންޓް ޖާމެން )ޕީއެސްޖީ(އަށް އިންޒާރެއް ދީފި އެވެ.
މިސީޒަނުގައި ކުޅުންތެރިންނަށް ބޮޑެތި އަގުތަކެއް ހުށަހަޅާކަމަށް ފާހަގަކުރެވޭ ޕީއެސްޖީއަށް ކުލަބުގެ ރެކޯޑް ފީއަކަށް ހާވިއާ ޕާސްތޯރޭ ވަނީ ގެނެސްފައެވެ. އިޓަލީގެ ޕަލާމޯއިން މިޑްފީލްޑަރު ޕާސްތޯރޭ 42 މިލިޔަން ޕައުންޑަށް ގެނެސް މިހާރު އެކުލަބުން ދަނީ މެންޔޫއިން ބާބަޓޯވް ހޯދުމަށް މަސައްކަތްކުރަމުންނެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް ލައިނުން ހާވިއާ ހެނާންޑޭޒް، ޑެނީ ވެލްބެކް އަދި ވޭން ރޫނީއަށް ބޮޑު އިސްކަމެއް އެޓީމުގެ ކޯޗް ފާގަސަން ދެމުންދާތީ ގިނަ މެޗުތަކުގައި ބާބަޓޯވްއަށް އިންނަން ޖެހިފައިވަނީ ބެންޗުގައެވެ. އެހެންނަމަވެސް 30 އަހަރުގެ ބާބަޓޯވް ވިއްކާލެވެން ނެތްކަން ކޯޗް ފާގަސަން އިޢުލާންކޮށްފައިވާކަން ޕީއެސްޖީގެ ސްޕޯޓިންގް ޑިރެކްޓަރު ލިއަނާޑޯ ބުނެފައިވެ އެވެ.
"އަހަރެންނާއި ފޯނުން ވާހަކަދައްކަމުން ފާގަސަން ބުނީ އޭނާ ބާބަޓޯވް ބޭނުން ކަމަށާއި އެއީ ވިއްކާ ކުޅުންތެރިއެއް ނޫނޭ." ޕީއެސްޖީގެ ސްޕޯޓިންގް ޑިރެކްޓަރު ލިއަނާޑޯ ބުންޏެވެ.
ޓޮޓެންހަމް ހޮޓްސްޕާއިން މެންޔޫއަށް ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި 31 މިލިޔަން ޕައުންޑަށް ބާބަޓޯވް ބަދަލުވެ އެކުލަބަށް ކުޅުނު 97 މެޗުން 41 ލަނޑު ކާމިޔާބުކޮށްދީފައިވެއެވެ. މެންޗެސްޓާ ޔުނައިޓެޑާއި ބާބަޓޯވްއާއި ދެމެދު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއްއަހަރު ދަވަސް އޮތްއިރު އަންނަ ސީޒަންގައި އެޓީމުން ބާބަޓޯވް ހިލޭ ދޫކޮށްނުލާނެ ކަމަށް ބެލެވެއެވެ. އެހެންކަމުން މިސީޒަނުގައި ބާބަޓޯވް ވިއްކާލުމަށް މެންޔޫއިން ވިސްނަންޖެހޭނެ އެވެ.