06 Mar 2018, 15:48
އެންމެފަހުގެ މާލޭ ލީގު ޗެމްޕިއަނުންނަށް މި ސީޒަންގެ ލީގުގެ ފެށުން އަދި ދަނީ އުނދަގޫކޮށެވެ.
ފުރަތަމަ މެޗުން މާޒިޔާ މޮޅުވާން ދަނިކޮށް، ކްލަބު ގްރީން ސްޓްރީޓްސްއިން އެއްވަރުކުރީ ފަހު މިނެޓުގައެވެ. 2-2 ގެ ނަތީޖާއަކުން އެއްވަރުވެފައިވަނިކޮށް މާލޭ ލީގުގެ ދެވަނަ ހަފްތާގައި މާޒިޔާ ނުކުތީ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. ނިއުރޭޑިއަންޓް އަތުން މާޒިޔާ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.
ނިއުރޭޑިއަންޓް މެޗަށްފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު އިސްމާއީލް މަހެފޫޒް (އިއްމަ)ބުނީ ނިއުއާ ދެކޮޅަށް ކުޅުނު މެޗުން ޕޮސިޓިވް ކަންތައްތަކެއް ފެނުނު ކަމަށެވެ.
"މިއަދުގެ މެޗުން ވަރަށް ރަނގަޅު ކަންތައްތަކެއް ފެނުނު. ނިއުރޭޑިއަންޓް ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅުނުއިރު މުޅި މެޗު އެއްކޮށް ކަހަލަ ގޮތަކަށް ޑޮމިނޭޓްކޮށްގެން މި ނިންމާލީ،" އިންމަ ބުންޏެވެ.
އިންމަ ބުނީ މުޅި މެޗުވެސް ޑޮމިނޭޓްކޮށްގެން ކުޅުނީ މާޒިޔާ ކަމަށާއި، ކުޅުންތެރިންގެ ބުރަ މަސައްކަތް ފާހަގަކުރާ ކަމަށެވެ.
"މުޅި މެޗުވެސް ޑޮމިނޭޓް ކުރީ އަހަރެމެން. މެޗުން ހަމައެކަނި މަދުވި އެއްޗަކީ ގޯލެއް. އެހެން ހުރިހާ ކަމެއް ކުރި ކުޅުންތެރިން،" އިންމަ ފާހަގަކުރިއެވެ.
އެސްޓީއޯ މާލޭ ލީގުގައި މިރޭ ކްލަބް ގްރީންސްޓްރީޓްސް އާއި މާޒިޔާއާ ބައްދަލުކުރި މެޗުގައި ގްރީންގެ ސައިފް ކައިރިން ނައްޓާލުމަށް ދާދު މަސައްކަތް ކުރަނީ ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާޙް
މި ސީޒަންގެ އެންމެ ބޮޑު ޓްރާންސްފާގެ ގޮތުގައި ގިނަ ބަޔަކު ސިފަކޮށްފައިވަނީ ޓީސީ ސްޕޯޓްސް ކްލަބުން މާޒިޔާއަށް ބަދަލުވި ނާއިޒް ހަސަން (ދާދު)ގެ ޓްރާންސްފާއެވެ.
މިހާތަނަށް ސީޒަންގައި ކުޅުނު ދެ މެޗުގައިވެސް ދާދުގެ އަސްލު ކުޅުން ފެނިފައި ނުވާ ކަމަށް ނޫސްވެރިން ސުވާލު ކުރުމުން އިންމަ ބުނީ އަދި މި ސީޒަންގައި ދާދުގެ ގޮތުގައި އޭނާ ފެންނާނެ ކަމަށެވެ.
"އެއްވެސް ކަހަލަ ޝަކުވާއެއް އެއްވެސް ކުޅުންތެރިއަކަށް ނެތް. ދާދު އުޅެނީ ތަންކޮޅެއް ބަލިވެ. އެހެންވީމަ އޭތި އަދި ރިކަވާ ނުވަނީ. ކުރިއަށް އޮތްތާނގައި ދާދު ހަމަ ދާދުގެ ގޮތުގައި ފެންނާނެ. ދަނޑުމަތީގައި މި ސީޒަންގައި ދާދު އަދި ފެންނާނެ،" އިންމަ ބުންޏެވެ.
މާލޭ ލީގުގައި ދެން މާޒިޔާއިން ނުކުންނާނީ ކްލަބު ވެލެންސިއާއާ ދެކޮޅަށެވެ. އެ މެޗު އޮންނާނީ އަންނަ އާދީއްދަ ދުވަހު ހަވީރު 4:00 ގައެވެ.