03 Mar 2018, 15:36
އިދިކޮޅުން އިއްޔެ މަޖިދީމަގުގައި ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދުގެ މައްޗަށް ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތު ކޮށްފި އެވެ.
އެ ދެމީހުންގެ މައްޗަށް ވެސް ފުލުހުންގެ ވާޖިބަށް ހުރަސް އެޅި ކަމުގެ ތުހުމަތު ކުރާކަން ފުލުހުން ވަކީލުންނަށް ވަނީ އަންގައިފަ އެވެ.
އޭގެ އިތުރުން އިއްޔެ ހައްޔަރު ކުރި މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހައްޔަރުކޮށްފައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ކަމަށް ވާތީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ކުށް އަދި އަންގާފައި ނުވާ ކަމަށް ވަކީލުން ވިދާޅުވި އެވެ.
ކުއްލި ހާލަތުގެ ދަށުން ހައްޔަރު ކުރާ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރެއް ނުކުރާނެ އެވެ.
އެހެން ނަމަވެސް އަބްދުﷲ ޝާހިދާއި ލަތީފު މިއަދުގެ ވަގުތެއްގައި ބަންދު މުއްދަތު މަޖިލީހަށް ކޯޓަށް ހާޒިރު ކުރަން ޖެހޭނެ އެވެ.
އެ ތިން ބޭފުޅުންނާ އެކު މިވަގުތު ފުލުހުންގެ ހައްޔަރުގައި ޖުމްލަ މަޖިލީހުގެ ހަތް މެމްބަރުން އެބަ ތިއްބެވި އެވެ. އެއީ ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް މައުމޫނާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝިނާނެވެ.