"އަޅުގަނޑާއި މުހައްމަދު ނިޒާމް (ނިޒާމްބެ) ދެ ކޮޅުގައި ތިބެގެން ކުޅޭ މެޗަކީ އާދައިގެ މެޗަކަށް ނުވާނެ" ކަމަށް ކްލަބު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނެފި އެވެ.

އެސްޓީއޯ މާލޭ ލީގުގައި ގްރީން ސްޓްރީޓްސްއާ ޓީސީ ސްޕޯޓްސް ކްލަބު ވާދަކުރާ މެޗާ ގުޅިގެން ވާހަކަ ދައްކަމުން ސުޒޭން ބުނީ ޓީސީގެ ފޯމާ މެދު ވިސްނަން ޖެހޭނެ ކަމަށާއި ގްރީންވެސް މެޗަށް ނުކުންނާނީ ކުރިއެރުންތަކަކާ އެކުގައި ކަމަށެވެ.

"ޓީސީގެ އޭއެފްސީ ޕާފޮމަންސް ވަރަށް ތަފާތު. ޓީސީގެ ފޯމު ވަރަށް ރަނގަޅަށް އޮތީ. އެންމެ ބޮޑަށް ވިސްނާލަން ޖެހޭ ކަމަކީ ހަތަރު މެޗު އެގޮތަށް ކައިރީގައި ކުޅެލައިފައި އަންނައިރު ކޯޗުންނަށް ހުރިހާ މައްސަލަތަކެއް ހޯދި ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރަން މަސައްކަތް ކޮށްފަ ހުންނާނީ،" ސުޒޭން ބުންޏެވެ.

"ގްރީންއަށް މިއޮތީ ލިމިޓެޑް ކުޅުންތެރިންނާއެކު މަސައްކަތް މިކުރަނީ. އެއް މެޗު ކުޅެލީމަ ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅުކޮށްފަ އެކަމަކު އަދިވެސް ހުންނާނެ ކަންތައް ތަކެއް. އަޅުގަނޑާ ނިޒާމާ ދެ ކޮޅުގައި ހުރެެގެން ކުޅޭ މެޗެއް އާދައިގެ މެޗަކަށް ނުވާނެ."

އެސްޓީއޯ މާލޭ ލީގުގައި ކްލަބް ގްރީންސްޓްރީޓްސް އާއި މާޒިޔާއާ ބައްދަލުކުރި މެޗުގެ ތެރެއިން ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާޙް

ސުޒޭން ބުނެފައިވަނީ ގަދަ ބާރުތައް ކިޔާއިރު އަދިވެސް ކިޔާނީ ނިއުރޭޑިންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކަމަށާއި، އެއްވެސް ޓީމަކަށް ކުއްލިއަކަށް އެ ކްލަބުތަކާ އެއް ލެވެލްއަކަށް ނުދެވޭނެ ކަމަށެވެ.

"ނިއުރޭޑިއަންޓް މާޒިޔާއަކީ މި ސީޒަންގެ ފެވަރިޓުން. ކުއްލިއަކަށް ބަދަލެއްވެސް ނުވާނެ. މެޗަކުން މޮޅުވެވިދާނެ. މުބާރާތެއްވެސް ހޯދިދާނެ. އެކަމަކު ގްރީންއަކަށްވެސް އެމީހުން އެއޮތް ހިސާބަކަށް ނުދެވޭނެ ކުއްލިއަކަށް. ގަދަ ބާރުތައް ކިޔާއިރު ހަމަ އެ ދެޓީމު ކިޔާނީ،" ސުޒޭން ފާހަގަކުރިއެވެ.

ސުޒޭން ބުނީ ނިއުއާއި މާޒިޔާ ލެވެލްގައި ޓީސީ އަދި ނުގުނާނެ ކަމަށާއި އެއީ ޓީސީއަށް ބުނާ ދެރަ ބަހެއްވެސް ނޫން ކަމަށެވެ.

"ޓީސީ، މާޒިޔާ ނިއުގެ ލެވެލްގައި އަދި ނުގުނާނެ. ޓީސީއަށްވެސް އެެއް ސީޒަން އަނެއް ސީޒަނަށް ބޮޑެތި ބަދަލުތަކެއް އާދޭ. އެއް ޓީމެއް އޮތުމުގެ ބަދަލުގައި ކީ ކުޅުންތެރިންތަކެއް ގޮސް. އެކަހަލަ ބަދަލުތަކެއް އާދޭ. ޓީމެއް އަލުން ހަދަން ޖެހޭނީ ޓީސީވެސް. ނިއުއާ މާޒިޔާއަށްވެސް ޓީމެއް އޮށްވާ އެއަށް އިތުރު ކުޅުންތެރިން ގެނެސް ވަރުގަދަ ވާނީ. ޓީސީ ބައްޔަކީ ނޫން. އެކަމަކު އެ ލެވެލްގައި ނުގުނާނީ،" ތަޖުރިބާކާރު ކޯޗު ސުޒޭން ބުންޏެވެ.

އެސްޓީއޯ މާލޭ ލީގުގައި ރޭ މާޒިޔާއާއި ނިއުރޭޑިއަންޓް ވާދަކުރި މެޗުގެ ތެރެއިން: އެ މެޗު 1-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ނިއުރޭޑިއަންޓް --- ސަން ފައިލް ފޮޓޯ/ ފަޔާޒް މޫސާ

ނިއުއާއި މާޒިޔާ ލެވެލްގައި ޓީސީ ނުގުނާނެ ކަމަށް ސުޒޭން ބުނުމުން ނިޒާމްބެވެސް ވަނީ އެކަން އޮތީ އެގޮތަށް ކަމަށްބުނެ ސުޒޭންގެ ވާހަކައަށް ތާއީދުކޮށްފައެވެ.

"ހަގީގަތަކީ ޓީސީއަކީ އަދި ވަރަށް ޅަ ޓީމެއް. ޓީސީގެ އުމުރުން މި ލެވެލްގައި ހަތަރު އަހަރު. އެހެން ނަމަވެސް ޓީސީ މި ދައްކާ ފަރަގާއެކު ދިވެހި ފުޓުބޯޅައަށް ނުފޫޒުތަކެއް ފޯރުވަމުން އަންނަ ކަމަކީ އެންމެންވެސް ގަބޫލުކުރާ ކަމެއް. ދެން އެއްގޮތުން ހިތްހަމަ ޖެހުމެއް ބޮޑެތި ފެވަރިޓުން ތެރޭގައި ނުހިމެނުމަކީ. ބޭނުންވަނީ ޗެލެންޖާ އަކަށްވުރެ ބޮޑަށް ލީޑާއަކަށް ވާން،" ނިޒާމްބެ ބުންޏެވެ.

ނިޒާމްބެ ބުނީ ފުޓުބޯޅައިގައި ޓީމުތައް ދަރަޖަކުރާނީ ވާދަކުރާ ފެންވަރުން ނޫން ކަމަށެވެ.

"ވާދަކުރާ ފެންވަރަކުން ނޫން ފުޓުބޯޅައިގައި ޓީމު ދަރަޖަކުރާނީ. ޓީމުގެ އޮންނަ ތާރީހާ ރައުސުލްމާލުން ޓީމުތައް ދަރަޖަ ކުރާނީ. އަދި މިހާތަނަށް ޓީސީގެ ހަރުގަނޑުގައި ރާއްޖޭގެ އެއްވެސް ތަށްޓެއްވެސް ނެތް. އަނެއް ކަމަކީ ޓީސީއަކީ ހުރިހާ ލެވެލެއްގައިވެސް ކަންކަން ތަޖުރިިބާ ކުރަމުންދާ ޓީމެއް. އަޅުގަނޑު ހަމައެއްގޮތަކަށްވެސް ބޭނުމެއް ނޫން ޓީސީއަކީ ބޮޑު ކްލަބެކޭ ކިޔައިފައި ދަރަޖަ ކުރާކަށް. އެހެނެއް ނޫން. މިގޮތަށް ހިފަހައްޓައިފި ނަމަ ހަތްވަރަކަށް އަހަރު ދުވަހުން ޓީސީ ޑޮމިނޭޓް ކުރާނެ. ބޮޑު ކްލަބަކަށް ކިޔާނެ،" ނިޒާމްބެ ބުންޏެވެ.

އޭއެފްސީ ކަޕުގައި ބެންގަލޫރު އެފްސީއާ ދެކޮޅަށް ކުޅުނު މެޗުގެ ކުރިން ޓީސީން ފަރިތަކުރުންތަކުގައި ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް

މިއަދުގެ މެޗާ ގުޅިގެން ނިޒާމްބެ ބުނީ ގްރީންއާ ދެކޮޅަށް ފަސޭހަ ނުވާނެ ކަމަށާއި ހާއްސަކޮށް ސުޒޭން ކަހަލަ ތަޖުރިބާކާރު ކޯޗެއް ހުރުމުން ތަފާތުތަކެއް އަންނާނެ ކަމަށެވެ.

"ނިއު މެޗު އެހިސާބުން އެ ނިމުނީ. ދެން އޮތީ ގްރީންއާ ދެކޮޅަށް ކުޅޭ މެޗު. ގްރީންއަކީ ފަސޭހަ ޓީމެއް ނޫން. މިދިޔަ ސީޒަނާ ހިލާފަށް މި ސީޒަންގައި ގްރީން އިތުރަށް އުނދަގޫވާނެ. އެންމެ ބޮޑު އެއްޗަކީ ގްރީންގެ ބެންޗު ވަރަށް ތަޖުރިބާ ކާރު. ސުޒޭން ބެންޗަށް އައުމާއެކު ވަރަށް ބޮޑަށް ވިސްނަން ޖެހޭނެ ކަމެއް އެއީ. ރާއްޖޭގެ ފުރަތަމަ ޑިވިޝަން ލެވެލްގެ އެންމެ ތަޖުރިބާކާރު ކޯޗު،" ނިޒާމްބެ ބުންޏެވެ.

މާލޭ ލީގުގައި ޓީސީން ކުޅުނު ފުރަތަމަ މެޗުގައި ނިއުރޭޑިއަންޓް އަތުން ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. ގްރީން މި މެޗަށް ނުކުންނަނީ މާޒިޔާއާ ދެކޮޅަށް ކުޅެ 2-2 ގެ ނަތީޖާއަކުން ހޯދި ޕޮއިންޓާ އެކުގައެވެ.

ޓީސީއާއި ގްރީން ވާދަކުރާ މެޗު އޮންނާނީ މިއަދު 4:00 ގައެވެ.