ވޮޝިންޓަން (މާޗް 3) : ގަތަރާއި ގަލްފުގެ ބައެއް ގައުމުތަކާ ދެމެދު އުފެދިފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި ސައޫދީ ޔޫއޭއީ އަދި ގަތަރުގެ އިސްވެރިންނާ އެކު ކޭމްޕް ޑޭވިޑްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ބާއްވަން ހަމަޖައްސަވާފައިވާ ސަމިޓަކީ ޚާއްސަ މަސައްކަތްތަކެއް ކަމަށާ ނަމަވެސް އެކަން ކުރިޔަށްދާނީ އެބޭފުޅުންނާ ވަކިވަކިން ވައިޓް ހައުސްގައި ބާއްވާ ބައްދަލުކުރެއްވުންތަކުން އެކަށީގެންވާ ނަތީޖާއެއް ލިބިއްޖެ ހާލަތެއްގައި ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.

ވައިޓް ހައުސްގެ ނަން ހާމަކުރަން ނޭދޭ މަސްއޫލުވެރިއަކު ވިދާޅުވީ ގަލްފުގެ މައްސަލަ ހައްލުކުރުމަށްޓަކައި ގަތަރުގެ އަމީރާއި ސައޫދީ އާއި ޔޫއޭއީ ގެ ވަލީއުލްއަހްދުންނާ ވައިޓް ހައުސްގައި ބާއްވާ ބައްދަލުކުރެއްވުންތަކަކީ ކޭމްޕް ޑޭވިޑްގެ ސަމިޓަށް ތައްޔާރުވުމުގެ ގޮތުން ބައްވާ ބައްދަލުކުރެއްވުންތަކެއް ކަމަށާ އެބައްދަލުކުރެއްވުންތަކުން އެކަށީގެންވާ ނަތީޖާއެއް ނުލިބޭ ނަމަ ކޭމްޕް ޑޭވިޑްގެ ސަމިޓް ނުބޭއްވުން އެކަށީގެންވާކަމުގަ އެވެ.

ވައިޓް ހައުސް އިން މިދިޔަ ހަފްތާގައި ހާމަކޮށްފައިވާގޮތުން ޓްރަމްޕް، މާޗް މަހުގެ ތެރޭގައި ފުރަތަމަ ބައްދަލުކުރައްވާނީ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އާއި ޔުނައިޓެޑް އަރަބް އިމަރޭޓްސްގެ ވަލީއުލްއަހްދު މުހައްމަދު ބިން ޒާޔިދު އާ އެވެ. އެއަށް ފަހު ޓްރަމްޕް، ގަތަރުގެ އަމީރު ޝައިޚް ތަމީމް ބިން ޙަމަދު އާލްޘާނީ އާ ބައްދަލުކުރައްވާނީ އެޕްރީލް މަހުގެ ތެރޭގަ އެވެ. މިބައްދަލުކުރެއްވުންތަކަށް ވޮޝިންޓަނަށް ވަޑައިގަތުމުގެ ދައުވަތު މިތިން ބޭފުޅުންނަށް ޓްރަމްޕް މިހާރު ވަނީ ރަސްމީކޮށް އަރުއްވާފަ އެވެ. ޓްރަމްޕާ ބައްދަލުކުރެއްވުމަށް ޓަކައި ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން މިފެށޭ ހަފްތާގެ ކުރީކޮޅު އެމެރިކާއަށް ވަޑައިގަންނަވާނެއެވެ.

މިބައްދަލުކުރެއްވުންތަކުގެ ބޭނުމަކީ ގަތަރާއި އަރަބި އެހެން ހަތަރު ގައުމުކަމަށްވާ ސައޫދީ، ޔޫއޭއީ، ބަހްރައިން އަދި މިސްރާ ދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކޮށް މިހަތަރު ގައުމު ސުލްޙަ ކުރުވުމެވެ. މިދިޔަ އަހަރުގެ މެދުތެރޭގައި ސައޫދީ، ޔޫއޭއީ، ބަހްރައިން އަދި މިސްރުން ވަނީ ގަތަރުން ޓެރަރިސްޓް ޖަމާއަތްތަކަށް އެހީތެރިވާކަމަށް ތުހުމަތުކުރުމަށްފަހު ކުއްލި ގޮތަކަށް ގަތަރާ ގުޅުންތައް ކަނޑާލައި ގަތަރާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފަ އެވެ.

ސައޫދީ ޔޫއޭއީ އަދި ގަތަރުގެ އިސްވެރިންނާއެކު ޓްރަމްޕް ބާއްވަވާ ބައްދަލުކުރެއްވުންތަކުގައި ފަލަސްތީނުގެ މައްސަލައާއި ސޫރިޔާގެ މައްސަލައާ އަދި ޔަމަންގެ މައްސަލައިގެ އިތުރުން އީރާނުން ގަލްފަށާއި މެދުއިރުމައްޗަށް ބާރާއި ނުފޫޒު ފޯރުވުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްސަލައާ ބެހޭ ގޮތުން ވެސް ޓްރަމްޕް އެތިން ބޭފުޅުންނާ މަޝްވަރާ ކުރައްވާނެކަމަށް ވައިޓް ހައުސް ގެ ތަރްޖަމާން ވިދާޅުވެފައިވެ އެވެ.

ގަތަރާއި މިދެންނެވި އަރަބި ހަތަރު ގައުމާދެމެދު އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް ކުވައިތާއި ދުނިޔޭގެ ބޮޑެތި ބައެއް ގައުމުތަކުން މިދިޔަ އަހަރު ކުރިމަސައްކަތުން މިހާތަނަށް ވެސް އެއްވެސް ނަތީޖާއެއް ނެރެވިފައެއްނުވެ އެވެ. ގަތަރާ ގުޅުންކަނޑާލި ގައުމުތަކުންވަނީ ގަތަރުގެ އަލްޖަޒީރާ ޓީވީ ބަންދުކޮށް ގަތަރުގައި ދިރިއުޅޭ އެހަތަރު ގައުމުގެ އިދިކޮޅު ފަރާތްތައް ބޭރުކޮށްލުމަށާ އަދި ގަތަރުގެ ބައެއް ސިޔާސަތުތަކަށް ބަދަލުގެނައުމަށް އެދިފަ އެވެ. މީގެތެރޭގައި އީރާނާ ގުޅުންތައް ކަނޑާލުމާއި ގަތަރުގައިވާ ތުރުކީގެ އަސްކަރީ ބޭސް ބަންދުކުރުން ހިމެނެއެވެ.

ގަތަރުން ވަނީ އެހަތަރު ގައުމުގެ އެދުންތަކަށް އިޖާބަ ދިނުމަށް ދެކޮޅު ހަދާފައެވެ. ގަތަރުން ބުނަނީ މިއީ އެގައުމުގެ މިނިވަންކަމާއި ސިޔާދަތަށް ހުރަސްއެޅޭ ކަންކަންކަމަށާ އެހެންކަމުން އެކަންކަން ގަބޫލުކުރެވެން ނޯންނާނެކަމުގައެވެ. ގަތަރުގެ ޚާރިޖީ ވަޒީރު މުހައްމަދު ބިން އަބްދުއްރަޙްމާން އިއްޔެވެސް ވަނީ މިވާހަކަތައް ތަކުރާރުކުރައްވާފައެވެ. (އަލްޖަޒީރާ)