މޯލްޑިވިއަން އައިޑަލްގެ ޝޯ ދައްކާ ގަޑިއަކީ އާންމުކޮށް ގޭ ފެންޑާ އެއްކޮށް ފުރިގެންދާނެ ގަޑިއެކެވެ. ހަފްތާ ބަންދުގައި ޝޯތައް ދައްކަމުން އަންނާތީ ބެލުންތެރިން ވެސް ވަރަށް ހިތްހަމަ ޖެހެއެވެ. ކޮންމެ ހަފްތާ ބަންދަކަށް ވެސް އިންތިޒާރު ކުރެވެނީ ބައިވެރިންގެ ހިތްގައިމު ލަތައް އަޑުއަހައިލުމަށެވެ.

ހުރިހާ ހުށަހެޅުންތަކެއް ނިމުމުން އެެ މީހެއްގެ އެންމެ ފޭވަރިޓް ލަވަ، އެކިޔުންތެރިޔާއާ އަޅާ ކިޔާލައެވެ.

ރޭ މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަންގެ ޕިޔާނޯ ރައުންޑްގެ ފުރަތަމަ ޝޯ ވަނީ ދައްކާފައެވެ. ގަދަ 16 އަށް ދަތުރުކުރި ބައިވެރިންގެ ތެރެއިން ރޭ ލަވަ ހުށަހަޅައިދީފައިވަނީ އަށް ބައިވެރިން ނެވެ.

އެ ބައިވެރިންނަކީ މަރިޔަމް މައީޝާ، ޝާން ޝަރީފު، އަބްދުﷲ މުނާޒް، އަބްދުﷲ މުރްޝިދު، ނިޝްފާ މުސްތަފާ، އައިޝަތު އަޒަލް، އަހްމަދު އިޝާމް އަދި ރައިހާން އާދަމް އެވެ. އެ ބައިވެރިންގެ ތެރެއިން ރައިހާން ވަނީ ތިއޭޓަރ ރައުންޑުން ގޯލްޑަން މައިކް ހޯދައި ޕިޔާނޯ ރައުންޑަށް ގޮސްފައެވެ.

ހިތްގައިމު، އަޑުއަހާލަން ފަސޭހަ ލަވަތަކެއް، އަށް ބައިވެރިންގެ ފަރާތުން ވެސް ވަނީ ފެނިފައެވެ. ހުރިހާ ބައިވެރިންނަށް ހަތަރު ޖަޖުން ދިން ކޮމެންޓްސް ތައް ވެސް ވަރަށް 'ޕޮސިޓިވް' އެވެ.

މައިގަނޑު ގޮތެއްގައި ރޭ ޖަޖުން ހުރިހާ ބައިވެރިންނަށް ވެސް ތައުރީފު ކޮށް ބުނީ، ފަހަރަކު ހުށަހެޅުމެއް ރަނގަޅު ކުރުމަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށާއި އަދި ފަހަރަކަށްވުރެ ފަހަރެއް ރަނގަޅު ކުރުމަށް މަސައްކަތް ކުރަމުންދާކަން، އަމަލުން ފެނި، ހުށަހަޅައި ދޭ ހުށަހެޅުންތަކުން ވެސް އެކަން ފެނިގެންދާ ކަމަށެވެ.

ރޭ ހުށަހެޅުންތައް ފެނިގެން ދިޔަ އަށް ބައިވެރިންނަށް ވޯޓު ލުން މިއަދުގެ 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ. މިރޭގެ ފުރަތަމަ އެލިމިނޭޝަން އާ އެކީ ގާލާ ރައުންޑަށް ދާ ގަދަ 12 ކަށަވަރު ކުރާ ހަ ބައިވެރިން އެގިގެންދާނެއެވެ. މިރޭ ދެ ބައިވެރިން ޝޯ އާ އަލްވަދާއު ކިޔާށެވެ.

އައިޑަލް ޝޯއިން މިރޭ ވަކިވެގެން ދާނީ ޖަޖުންގެ 50 އިންސައްތަ މާކުސް އަދި ބެލުންތެރިންގެ 50 އިންސައްތަ ވޯޓު އެއްކޮށްލުމާއެކު، އެންމެ ދަށުން މާކުސް ލިބޭ ދެ ބައިވެރިންނެވެ.