ވެށިފަހި ޕްރޮގްރާމުގެ ދަށުން ހުޅުމާލެ އިން ބިމަށް އެދިފައިވާ މީހުންގެ ތެރެއިން 94 މީހަކަށް ރޭ ބިން ހަވާލު ކޮށްފި އެވެ.

މާލޭގައި ބިން ކޮޅެއް އޮތް ނަމަވެސް، ތަނަވަސް ބޯހިޔާވެހި ކަމެއް ނެތް މީހުންގެ ތެރެއިން މިހާތަނަށް މައުލޫމާތު ހޯދައި ސާފުކޮށްފައިވާ 94 މީހުންނަށް ބިން ހަވާލު ކޮށްފައި ވަނީ ރޭ ރައީސް އޮފީހުގައި އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެވަމުން ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވީ ގޯތި ހަވާލު ކުރަމުން ދަނީ ގޯއްޗަށް އެދި ފޯމް ލާފައިވާ މީހުންގެ މައުލޫމާތު ބަލައި ސާފުވީ މިންވަރަކުން ކަމަށާއި އެ އެންމެންނާ ގޯތި ހަވާލުކޮށް ނިންމާލުމަށް ދުވަސް ނަގާނެ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ހުލުމާލެ ޑިޒައިން ކޮށްފައި ވަނީ ތޮއްޖެހުން މަދުވާނެ ގޮތަކަށް ކަމުން ހުޅުމާލެ އިން އިތުރަށް ގޯތި ދޫކުރާނެ ބިމެއް ނެތް ކަމަށެވެ. އަދި ހުޅުމާލެ އާއި މާލެއާ ދެމެދެ ފެރީގެ ނިޒާމް މިހާރަށް ވުރެ ބޮޑުތަން ރަނގަޅުވާން ޖެހޭނެ ކަމަށާއި މިގޮތުން ބޮޑެތި ފެރީތަކެއް ހިންގާނެ ބަޔަކު ހޯދުމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ އިއުލާންކޮށްފައި ކަމަށް ރައީސް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވެށިފަހި ޕްރޮގްރާމުގެ ސުޓިއަރިންގް ކޮމިޓީގެ ޑިރެކްޓަރު، އަދި މާލޭ ސިޓީ ކައުންސިލްގެ މެންބަރު ސަރަނގު އާދަމް މަނިކު ރޭ ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން ބިންތައް ދޫކުރާނީ ހުޅުމާލެ އިން ހާއްސަކޮށްފައިވާ ސަރަހައްދަކުން ކަމަށެވެ. އަދި ބިން ދޫކުރުމުގެ ކަންތައްތަކާ އެޗްޑީސީއާ އެކު އެގްރީމެންޓް ކޮށްފައިވާނެ ކަމަށާއި އެއެގްރީމެންޓްތަކުގައި މިއަންނަ ހަފުތާގެ ތެރޭގައި ސޮއި ކުރެވޭނެ ކަމަށެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ހުޅުމާލޭގެ އާބާދީ ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭ ދެގުނައަށް ބޮޑުވެގެން ދާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ރޭ ގޯތި ދޫކުރީ ފެށި ފަހި މާލެ ޕްރޮގްރާމްގެ ދަށުން ހުޅުމާލެ އިން ދޫކުރުމަށް ކަނޑައަޅާފައިވާ 250 ގޯތީގެ ތެރެއިން ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން ކުރިން ވަނީ 10 މީހަކަށް 10 ގޯއްޗެއް ހަވާލުކޮށްފަ އެވެ.

ރޭ ގޯތި ދޫކުރީ، ރައީސް އޮފީހުން ބުނި ގޮތުގައި، މާލެ އިން 300 އަކަފޫޓް ވަރުގެ ބިންކޮޅު ލިބި އެތަންތަން ދޫކޮށްލަން އެއްބަސްވި ފަރާތްތަކަށެވެ.

އެ 94 ފަރާތަކަށް ހުޅުމާލެ އިން ދޫކޮށްފައި ވަނީ 1200 އަކަފޫޓުގެ ބިމެވެ.