ސަލްމާން ޚާންގެ ކާމިޔާބު ފިލްމު "ބަޖްރަންގީ ބާއިޖާން" އިންޑިއާގައި ރިލީޒް ކުރިތާ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުން، މިއަދު ޗައިނާގައި އެ ފިލްމު މިވަނީ ރިލީޒް ކޮށްފައެވެ.

ކަބީރު ޚާން ޑައިރެކްޓުކޮށް، ސަލްމާން މުޅިން ތަފާތު ރޯލަކުން ފެނިގެން ދިޔަ އެ ފިލްމަށް ވަނީ އިންޑިއާގެ ބޮކްސް އޮފީހުގައި 320.84 ކުރޯރުގެ އާމްދަނީއެއް ލިބިފައެވެ.

ސަލްމާންގެ އިތުރުން، ހަތް އަހަރުގެ ހަރްޝާލީ މަލޯތުރާގެ މައުސޫމު ކަމާއި ހުނަރަކީ ފިލްމު ފުރިހަމަ ވެގެންދިޔަ އެންމެ މުހިންމު އެއް ސަބަބެވެ. އަދި ކަރީނާ ކަޕޫރު ޚާން އާއި ނަވާޒުއްދީން ސިއްދީގީގެ ފަރާތުން ވެސް މޮޅު އެކްޓިން އެއް ފެނިގެން ދިޔަ އެ ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިގެން ދިޔައެވެ.

އިންޑިއާ-ޕާކިސްތާނުގެ ގުޅުމުގެ މައްޗަށް ބިނާކޮށް އުފެއްދި އެ ފިލްމު ބެލުމަށް ފަހު އެންމެން ވެސް ސިނަމާތަކުން ނުކުތީ ހިނިތުންވުމަކާ އެކުއެވެ. މިހާރު ދެން އޮތީ ޗައިނާގެ އޯޑިއެންސަށް ފިލްމު ކަމުދާނެތޯ އުފެދޭ ސުވާލެވެ.

މިއީ ޗައިނާގައި ބޮލީވުޑް ފިލްމުތަކަށް ތަރުހީބު ބޮޑު ދުވަސްކޮޅަކަށް ވާއިރު، "ބަޖްރަންގީ ބާއިޖާން" އަށް ވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް ފިލްމުގެ ޓީމުން އުންމީދު ކުރެ އެވެ.

ޗައިނާގައި އެންމެ މަޝްހޫރު އަދި ކާމިޔާބު ބޮލީވުޑް އެކްޓަރަކީ ހަމަގައިމު ވެސް އާމިރު ޚާން އެވެ. އާމިރުގެ "ދަންގާލް" އަދި "ސީކްރެޓް ސުޕަސްޓާ" ހިމެނިގެން ގޮސްފައި ވަނީ ޗައިނާގައި ރިލީޒް ކުރިން އެންމެ ކާމިޔާބު އިންޓަނޭޝަނަލް ފިލްމުތަކުގެ ތެރޭގައެވެ.

ނިތޭޝް ތިވާރީ ޑައިރެކްޓުކޮށްފައިވާ ސްޕޯޓްސް ޑްރާމާ، "ދަންގަލް' އިން ވަނީ ޗައިނާގެ ބޮކްސްއޮފީހުގައި ގިނަ ރެކޯޑު ތަކެއް ވެސް އާކޮށްފަ އެވެ. އެ ފިލްމަށް ޗައިނާ އިން 193 މިލިއަން އެމެރިކާ ޑޮލަރު ލިބިފައިވެ އެވެ.

ހަމައެއާއެކު ޒާއިރާ ވަސީމް ލީޑު ރޯލުން ފެނިގެން ދިޔަ "ސީކްރެޓް ސުޕަސްޓާ" ވެސް ވެގެން ދިޔައީ ޗައިނާގެ އޯޑިއެންސް މޮޔަކޮށްލި މޮޅު ފިލްމަކަށެވެ. އެ ފިލްމަށް 117 މިލިއަންގެ އާމްދަނީ އެއް ޗައިނާ އިން ލިބުނެވެ.

އާމިރުގެ ފިލްމުތަކުން ޗައިނާގައި ބޮޑު ކާމިޔާބެއް ހޯދައިފައި ވާއިރު، ސަލްމާންގެ ފަރާތުން ވެސް އެފަދަ އުންމީދެއް ކުރެވެ އެވެ. އަދި ބެލުންތެރިން މިހާރު ތިބީ ޗައިނާގައި ކުރި ހޯދާނީ ކޮން ތަރިއެއްތޯ ބަލަން ކެތްމަދުވެފައެވެ.