03 Mar 2018, 09:09
ދެ އަހަރު ވަންދެން ކެމެރާއާ ދުރުގައި ހުރުމަށް ފަހު، ބޮލީވުޑް އެކްޓަރު އަބީޝެކް ބައްޗަން ފިލްމެއްގެ މަސައްކަތް ފަށައިފިއެވެ.
އިއްޔެ އަބީޝެކް މަސައްކަތް ފަށާފައިވަނީ އަނޫރާގް ކަޝްޔަޕް ޑައިރެކްޓު ކުރާ ފިލްމު "މަންމަރްޒިޔާން" އެވެ. ފިލްމުގެ ޝޫޓިން ފަށަމުން އަބީޝެކް ވަނީ ދެ އަހަރު ފަހުން ފިލްމެއްގެ މަސައްކަތް ކުރާ އިރު، ބެލުންތެރިންގެ ހެޔޮ ދުއާ ބޭނުންވާ ކަމަށެވެ.
އަބީޝެކް އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2015 ވަނަ އަހަރު ރިލީޒްކުރި ފިލްމު 'ހައުސްފުލް 3' އިންނެވެ. 'ހައުސްފުލް 4' ގެ ކާސްޓުގައި ވެސް ކުރިން އަބީޝެކް ހިމެނުނެވެ. ނަމަވެސް ފަހުން އެންމެ ފަހު ވަގުތު އަބީޝެކްއަށް ފިލްމުން ފުރުސަތު ގެއްލުނީއެވެ.
އާނަންދް އެލް ރާއީ ޕްރޮޑިއުސްކުރާ މި ފިލްމުގައި އަބީޝެކްއާއެކު ދެން ފެނިގެންދާނެ ތަރިންނަކީ ވިކީ ކައުޝަލް، އަދި "ޖުޅްވާ 2" އިން ގިނަ ބައެއްގެ ލޯބި ހޯދި ތާޕްސީ ޕަންނޫއެވެ.
މިއީ އަބީޝެކް، ވިކީ އަދި ތާޕްސީ އެކުގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެވެ. ފިލްމު ރިލީޒް ކުރާނެ ތާރީޚެއް އަދި ހާމަކޮށްފައެއް ނުވެއެވެ.