އެސްޓީއޯ މާލޭ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ވާދަކުރި މެޗު، ޔޫވީން ކާމިޔާބުކުރީ ފަހަތުންއަރައި 2-1 ގެ ނަތީޖާއަކުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޔުނައިޓެޑް ވިކްޓަރީގެ ކޯޗު މުހައްމަދު ނަޒީހު ބުނީ ފަހަތުން އަރައި މޮޅުވުން ޔޫވީއަށް ހައްގު ކަމަށެވެ.

"ވިކްޓަރީއާ ދެކޮޅަށް ނުކުތީވެސް ފަސޭހަވާނެ ކަމަށް ހީކޮށްގެންނެއް ނޫން. އަޅުގަނޑު އުންމީދު ކުރީވެސް ކުރީ މެޗަށްވުރެ ވިކްޓަރީ ރަނގަޅުވާނެ ކަމަށް. އެހެން އެކަން ވީވެސް. ވިކްޓަރީ ކުޅުނުލެއް މޮޅު ހަމަގައިމުވެސް. އަޅުގަނޑުމެންނަށް މިއަދުގެ މެޗުން މޮޅު ހަމަ ހައްގު،" މެޗާ ގުޅިގެން ނަޒީހު ބުންޏެވެ.

ނަޒީހު ބުނީ ފުރަތަމަ ހާފްގައި ޓީމުން ކުޅުނު ކުޅުން ދަށް ނަމަވެސް ފަހު ހާފްގައި ޓީމުން މެޗަށް އަނބުރާ ވަންނަން ކުރި މަސައްކަތް ފާހަގަކޮށްލެވޭ ކަމަށެވެ.

"މޮޅުވުމުގައި ކުޅުންތެރިންގެ ބުރަ މަސައްކަތް ފާހަގަކޮށްލަން. ފުރަތަމަ ހާފްގައި ކުޅުނީ 'ޗިކަން ފުޓުބޯޅަ' އަޅުގަނޑުމެންގެ ޓީމުން. ހަގީގަތަށް މިބުނީ. އެއްވެސް މަސައްކަތެއް ނުކޮށް ދިޔައީމަ ވިކްޓަރީން މެޗު ތެރެއަށް ވަނީ. ފަހު ހާފްގައި ކުރި ދެ ބަދަލާއެކު މެޗު ބަދަލުވީ. ޕްލޭނާ އެއްގޮތަށް ކުޅުނީމަ ނަތީޖާ ނެރެވުނީ،" ނަޒީހު ބުންޏެވެ.

މި ސީޒަންގައި ވިކްޓަރީން ކުޅުނު ދެ މެޗުންވެސް ބަލިވެފައިވާއިރު އިއްޔެގެ މެޗަށްފަހުވެސް ކޯޗު ލާޒްލޯ ކިސް ފެނުނީ މާޔޫސްކޮށެވެ.

"މިއަދު ރީނދޫ މީހާ (ރެފްރީ)ގެ މައްސަލަ ދިމާވި. ވިކްޓްރީއަށް ދޭން ޖެހޭ ތިން ޕެނަލްޓީ ނުދީ ދިޔަ. ޔޫވީއަށް ދިން ޕެނަލްޓީގައި މައްސަލައެއް ނެތް. 60 މިނެޓާ ހަމައަށް ވަރަށް ރަނގަޅަށް ޓީމު ކުޅުނު،" މެޗަށްފަހު ކިސް ބުންޏެވެ.

ރުޅި މޫނަކާއެކު ހުރި ކިސްގެ ފަހު ބަހެއްގެ ގޮތުގައި އޭނާ ބުނީ "ރެފްރީގެ އަމަލުތައް ބަލައެއް ނުގަނެވޭ،" ކަމަށެވެ.

އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ހާފްގައި ވިކްޓްރީން ލީޑު ނަގައިފައިވަނިކޮށް ޔޫވީން ވަނީ ދެވަނަ ހާފްގައި ލިބުނު ޕެނެލްޓީން އެޓީމު ވަނީ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި އަލީ ހައިޝަމް (ޗުމްޕު)ގެ ގޯލުން އެޓީމު ވަނީ މެޗުން ތިން ޕޮއިންޓް ހޯދައިފައެވެ.