03 Mar 2018, 01:18
އެސްޓީއޯ މާލޭ ލީގުގައި ނިއުރޭޑިންޓްސް ސްޕޯޓްސް ކްލަބުން ވަރުގަދައަށް ކުޅުނު މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބު ބަލިކޮށްފިއެވެ.
މިހާތަނަށް ލީގުގައި ނިއު ކުޅުނު ދެ މެޗުންވެސް މޮޅުވެފައިވާއިރު، ދެން ނިއު ކުޅޭނީ އޭއެފްސީ ކަޕްގެ މެޗެކެވެ. އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ ދާކާ އަބަހާނީއާ ދެކޮޅަށް އެ ގައުމުގައި ކުޅެން ޖެހޭ މެޗު އޮންނާނީ މިމަހުގެ ހަތްވަނަ ދުވަހުއެވެ.
ގައުމީ ފުޓުބޯޅަ ސްޓޭޑިއަމްގައި މިރޭ ކުޅުނު އެސްޓީއޯ މާލޭ ލީގުގެ މެޗުން ނިއުއިން މާޒިޔާ ބަލިކުރީ 1-0ގެ ނަތީޖާއަކުންނެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މެޗުގެ ފަހު މިނެޓުގައި ނިއުގެ ރިލުވާން ވަހީދު (ރިލޭ) އަށް ވަނީ ރަތް ކާޑުވެސް ދައްކައިފައެވެ.
އެސްޓީއޯ މާލޭ ލީގުގައި މިރޭ މާޒިޔާއާއި ނިއުރޭޑިއަންޓް ވާދަކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
މެޗުގެ ފުރަތަމަ 20 މިނެޓުގައި ދެ ޓީމުގެ ފަރާތުންވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. އެއްވެސް ޓީމަކަށް އެޓޭކެއް އުފެއްދިފައިނުވާއިރު ގިނަ ވަގުތު ބޯޅަ ގެންގުޅެފައިވަނީ ދަނޑުގެ މެދުގައެވެ.
ފިސިކަލް ފުޓުބޯޅައެއް ފެނިގެންދިޔަ މެޗުގެ 20 ވަނަ މިނެޓް ފަހުން ނިއުއިން ވަނީ ދެ ފަހަރެއްގެ މަތިން މާޒިޔާގެ އޭރިއާ ތެރެއަށް ނުރައްކާ ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 25 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ނަގައިފައެވެ. މާޒިޔާގެ އޭރިއާ ބޭރުގައި ހުރި އަލީ އަޝްފާގު (ދަގަނޑޭ)، ދެ ޑިފެންޑަރުން ނައްޓާލުމަށްފަހު ފޮނުވާލި ބޯޅަ އަމާޒުކޮށްލީ މާޒިޔާގެ ގޯލްގެ ތިރީ ކަނަށެވެ.
ފުރަތަމަ ހާފްގައި މާޒިޔާއަށް ހުސް ފުރުސަތެއް ތަނަވަސްވެފައި ނުވާއިރު، ނިއުގެ ފޯވަޑް ގުލާމް މާޓީއަށްވެސް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ.
މެޗުގެ ދެވަނަ ހާފަށް ނުކުމެ މާޒިޔާއިން ވަނީ ވަރަށް ބޮޑަށް ކުޅުން ރަނގަޅުކޮށްފައެވެ. މެޗު ޑޮމިނޭޓްކޮށްގެން މާޒިޔާ ކުޅެމުންދިޔައިރު، ނިއު ފެނުނީ ތަންކޮޅެއް ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނު ތަނެވެ.
މާޒިޔާއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ނިއުއިންވެސް ވަނީ ކައުންޓާ އެޓޭކުގައި މާޒިޔާގެ ޑިފެންސަށް ނުރައްކާ ކޮށްފައެވެ.
އެސްޓީއޯ މާލޭ ލީގުގައި މިރޭ މާޒިޔާއާއި ނިއުރޭޑިއަންޓް ވާދަކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
މެޗުގެ 48 ވަނަ މިނެޓުގައި މާޒިޔާގެ އަހުމަދު އިމާޒު (އާއްކޮ) ފޮނުވާލި ބާރު ހަމަލާ ނިއުގެ ގޯލް ބަލަހައްޓަމުންދިޔަ، މުހައްމަދު ފައިސަލް ވަނީ މަތަކޮށްފައެވެ. މިރޭގެ މެޗުގައި ނިއުގެ ގޯލުން އާންމުކޮށް ފެންނަ އިމްރާން މުހައްމަދު (އިންމެ) ފެނިފައިނުވަނީ އޭނާ އަނިޔާގައި ހުރުމުންނެވެ.
މެޗުގެ 65 ވަނަ މިނެޓުގައި ދަގަނޑޭގެ ހުރަހަށް ބިދޭސީ ފޯވަޑް މާޓީ އެރި ނަމަވެސް އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ އަރިމަތިން ބޭރަށެވެ. އޭގެ ދިހަ މިނެޓް ފަހުން އަނެއްކާވެސް މާޒިޔާގެ ހަމަލާއެއް ފެނިގެންދިޔައެވެ. ނިއުގެ ވައަތް ފަޅިން ކުޅެމުންދިޔަ ޑިފެންޑަރު ހިޝާމް ސަލީމް (ކޮކީ) ނައްޓާލުމަށްފަހު ކޯނެލިއަސް ސްޓެވާޓް ނަގައިދިން ބޯޅަ އާއްކޮ ފޮނުވާލި ނަމަވެސް ދިޔައީ ގޯލްގެ މަތިން ބޭރަށެވެ.
ގިނަ ކާޑުތަކެއް ފެނިގެންދިޔަ މެޗުގެ 90 ވަނަ މިނެޓުގައި ރިލޭއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކައިފައެވެ. ރިލޭ މެޗަށް ނުކުތީ ދެވަނަ ހާފްގައި ނިއުގެ އަފްޣާން ޑިފެންޑަރު ހާރޫން އަމީރީއަށް އަނިޔާވުމުންނެވެ.
އެސްޓީއޯ މާލޭ ލީގުގައި މިރޭ މާޒިޔާއާއި ނިއުރޭޑިއަންޓް ވާދަކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
މިހާތަނަށް މާލޭ ލީގުގައި ނިއުއިން ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފައިވާއިރު، މާޒިޔާއިން ކުޅުނު ދެ މެޗުން ލިބުނީ އެއް ޕޮއިންޓެވެ.
މާލޭ ލީގުގެ ދެ މެޗު މާދަމާވެސް އޮންނާނެއެވެ. ހަވީރު 4:00ގައި ކުޅޭ މެޗުގައި ވާދަކުރާނީ ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބު ގްރީން ސްޓްރީޓްސްއެވެ. އަދި މާދަމާ ރޭ ކުޅޭ މެޗުގައި ވާދަކުރާނީ ކްލަބު އީގަލްސްއާއި ކްލަބު ވެލެންސިއާއެވެ.