03 Mar 2018, 01:07
ރާއްޖޭގެ ނަން ކިލަނބުކުރުމަށް ކުރާ މަސައްކަތްތަކުން އަސަރުކުރާނީ ހަމަ ދިވެހި ރައްޔިތުންނަށް ކަމަށް ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގައި މިރޭ ގެނެސްދިން 'ހާރިޖީ ސިޔާސަތު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޑރ. އާސިމްް ވިދާޅުވީ ރާއްޖެއާ ބެހޭގޮތުން ހަގީގަތް އޮޅުވާލައިގެން ވާހަކަ ދެއްކުމުން ރާއްޖޭގެ ހާރިޖިއްޔާގެ މަސައްކަތްތަކަަށް ހުރަސްއެޅޭ ކަމަށެވެ.
"އަޅުގަނޑުމެން ހާރިޖިއްޔާއިން ކުރަމުންދާ މަސައްކަތްތަކަށް ބޮޑު ގޮންޖެހުމަކަށް މިކަހަލަ ދަނޑިވަޅެއްގައި މިވަނީ. އެހެން މިދަންނަވަނީ ދިވެހިރާއްޖެއާ ބެހޭގޮތުން ބޭރު ދުނިޔޭގައި އަޅުގަނޑުމެންގެ ތަސައްވަރު ކިލަނބުކުރަން ނޫނީ ނެގެޓިވްކޮށް ދެއްކޭ ހުރިހާ ވާހަކައަކީ މީ ހަމަ ދިވެހި ރައްޔިތުންނަށް ސީދާ އޭގެ އަސަރުކުރާނެ ކަންތައްތައް،" މިނިސްޓަރު އާސިމް ވިދާޅުވިއެވެ.
އާސިމް ވިދާޅުވީ ރާއްޖެއާ ބެހޭގޮތުން ހަގީގަތާ ހިލާފު ވާހަކަތައް ދައްކާ މައްސަލައިގައި ތެދު ހަގީގަތް ހާމަކޮށްދޭން އިތުރު މަސައްކަތްތައް ކުރަން ޖެހޭ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ސަފީރުން އެކި ގައުމުތަކުގެ ސަފީރުންނާ ގުޅިގެން ކަމުގެ ތެދު ހާމަކޮށްދިނުމަށް މިހާރުވެސް މަަސައްކަތްކުރަމުންދާ ކަމަށާއި، ރާއްޖެއަކީ ޓުއަރިޒަމްގެ މައްޗަށް ބިނާވެފައި އޮންނަ ގައުމަކަށް ވެފައި މިހާރު ރާއްޖެ އޮތް ހާލަތުގެ ސަބަބުން ޓޫރިޒަމަށް އޭގެ އަސަރުކުރާނެ ކަމަށެވެ.
އެކި ގައުމުތަކުން ރާއްޖެއަށް ދަތުރުކުރުމުގައި ކުރިން ނެރުނު ޓްރެވަލް އެޑްވައިޒަރީތަކާ އަޅާބަލާއިރު މިހާރުގެ ޓްރެވަލް އެޑްވައިޒަރީތަކުން ރާއްޖެއަކީ އަމާން ގައުމެއްކަން ހާމަވެގެން ހިނގައްޖެ ކަމަށްވެސް އާސިމް ވިދާޅުވިއެވެ.