03 Mar 2018, 08:54
ވިޔަފާރީގެ މުއާމަލާތްތަކުގައި އެމެރިކާ ޑޮލަރު ބޭނުންކުރުން އީރާނުން މަނާކޮށްފިއެވެ.
ޑޮލަރުން މުއާމަލާތްކުރުން އީރާނުން މަނާކުރުމާއެކު، އެގައުމަށް މުދާ އެތެރެކުރުމަށް އިމްޕޯޓް އޯޑަރުކުރުމަށް ޑޮލަރުން ރަޖިސްޓްރީކުރުންވެސް މަނާވެގެން ދާނެއެވެ.
އީރާނުގެ މިނިސްޓްރީ އޮފް އިންޑަސްޓްރީސް މައިނިންގް އެންޑް ޓްރޭޑް އިން ނެރުނު ބަޔާނުގައި ބުނީ އެ ފިޔަވަޅު އެޅީ އީރާނުގެ މަރުކަޒީ ބޭންކުގެ އެދުމުގެ މަތިން ކަމަށެވެ.
އީރާނުގެ މަރުކަޒީ ބޭންކުގެ ޑައިރެކްޓާ އޮފް ފޮރިން އެކްސްޗޭންޖް ރޫލްސް އެންޑް ޕޮލިސީ، މަހުދީ ކަސްރައިލްޕޫރު ވިދާޅުވީ ގެނެވުނު ބަދަލާ ގުޅިގެން މާބޮޑު އުނދަގުލެއް ދިމާވާނެ ކަމަށް ގަބޫލު ނުކުރާ ކަމަށެެވެ.
"އިރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ބޭންކުތަކުން ޑޮލަރު ބޭނުން ނުކުރެވޭތާ ވަރަށް ޒަމާން ވެއްޖެ،" މަހުދީ ވިދާޅުވިއެވެ.
ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އީރާނުން ވަނީ ބޭރު ފައިސާ ގަތުމަށް އާ އިލެކްޓްރޯނިކް ނިޒާމެއްވެސް ގާއިމުކޮށްފައެވެ. އަދި ޑޮލަރުގެ ބަދަލުގައި އެހެނިހެން ފައިސާ ބޭނުންކުރުމަށްވެސް އެކި ގައުމުތަކާއެކު އީރާނުން ވަނީ ސޮއިކޮށްފައެވެ.
އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ޚާމަނާއީ ރަޝިއާގެ ރައީސް ވުލަޑިމިއާ ޕުޓިންއާ ދާދި ފަހުން ކުރެއްވި ބައްދަލުވުމަށްފަހު ވަނީ އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ރެކި، ރައްދު ދިނުމުގެ ގޮތުން އެމެރިކާ ޑޮލަރު ބޭނުންކުރުން ހުއްޓާލުމަށް ވެސް މަޝްވަރާކޮށްފައެވެ.
މަސްދަރު : އާރުޓީ