02 Mar 2018, 19:38
އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކުރަން ގޮސް ކާނިވާ ސަރަހައްދުގައި ތިބި ނަމަ ފުލުހުން ފަހާ ނުލާނެ ކަމަށް ޕީޕީއެމްގެ ނައިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
އިދިކޮޅު ފަރާތްތަކުން މިއަދު މަޖިދީ މަގުގައި ވަނީ މުޒާހަރާ ކޮށްފައެވެ. އެކަމާ ގުޅިގެން މިއަދު ހަވީރު ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ އެއްވެ އުޅުމާ ބެހޭ ގާނޫނު ބުނާގޮތުން މަޖީދީ މަގަކީ އެއްވެ އުޅެވޭނެ ތަނެއް ނޫން ކަމަށެވެ.
"އެބޭފުޅުން އެ ވިދާޅުވާ މުޒާހަރާއެއް ކުރަން މި ކާނިވާ ސަރަހައްދަށް ގޮސް އެތާގަ ތިބި ނަމަ ފުލުހުން ގޮސް އެބޭފުޅުން ފަހައެއް ނުލާނެ. އެއީ އެއްވެ އުޅުމުގެ ހުއްދަ އޮތް ސަރަހެއްދެއް،" އަބްދުއްރަހީމް ވިދާޅުވިއެވެ.
އިދިކޮޅުން ކުރިއަށްގެންދާ މުޒާހަރާ ހުއްޓުވައި ފުލުހުން ހިންގަނީ ޣައިރު ގާނޫނީ އަމަލެއް ނޫން ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އެއީ ޣައިރު ގާނޫނީ އެއްވުންތަކަށް ޖާގަ ނުދިނުމަކީ ފުލުހުންގެ ގާނޫނުގެ ދަށުން ފުލުހުންނަށް ލާޒިމު ކުރާ ކަމަކަށް ވާތީ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
އިދިކޮޅު މީހުން މީގެ ހަފްތާއެއް ކުރިން ކޮންޓްރެކްޓް އުސޫލުން މުޒާހަރާ ކޮށްދޭނެ ބައެއް ހޯދުމަށް މަސައްކަތް ކުރި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ނަމަވެސް އެކަން ކާމިޔާބު ނުވެ މުޒާހަރާއަށް ނުކުންނާނެ މީހަކު ނުވި ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑުމެންވެސް ހީކުރީ ކޮންމެވެސް ވަރެއްގެ ފޯރިއެއް މިއަދު މުޒާހަރާގައި ހުންނާނެ ކަމަށް. އެހެންނަމަވެސް ކަންދިމާކުރި ގޮތުން މުޒާހަރާ ފެށުމުގެ ކުރިން މުޒާހަރާ އޮތީ ރޫޅިފައި،" އަބްދުއްރަހީމް ވިދާޅުވިއެވެ.
މިއަދު އިދިކޮޅު ފަރާތްތަކުން މަޖީދީ މަގުގައި ކުރި މުޒާހަރާގައި ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދާއި ކިނބިދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ވަނީ ހައްޔަރުކޮށްގެން ދޫނިދުއަށް ގެންގޮސްފައެވެ.