އިދިކޮޅު ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ނޭދެވޭ އަސަރު ފަތުރުވެރިކަމުގެ ދާއިރާއަށް ވަރަށް ބޮޑަށް ކުރަމުންދާ ކަމަށް ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ދިމާވަމުންދާ ގޮންޖެހުންތަކާ ގުޅޭގޮތުން އިއްޔެސަންއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ޒަމީރު ވިދާޅުވީ މިދިޔަ އަހަރުވެސް އުންމީދުކޮށްގެން ނުވަތަ ލަފާކޮށްގެން ތިބި ވަރަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައި ނުވާ ކަަމަށާއި، އެކަން އެގޮތަށް ވާން ދިމާވީ މިދިޔަ އަހަރުވެސް ރާއްޖޭގެ ސިޔާސީ މަޝްރަހު ހަލަބޮލި ކުރުމަށް ބަޔަކު ކުރި މަސައްކަތުގެ ސަބަބުން ކަމަށެވެ.

"މިދިޔަ އަހަރުވެސް ކަމާބެހޭ ފަރާތްތަކުން ނިންމައިގެން ތިބި ވަރަށް ފަތުރުވެރިންނެއް ނާދެ. އަޅުގަނޑުމެން ލަފާކުރީ 2016 ވަނަ އަހަރަށް ވުރެ 12 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެ ކަމަށް،" މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

މިނިސްޓަރު ޒަމީރު ވިދާޅުވީ މިއަހަރު ފެށިގެން އައި އިރުވެސް މިނިސްޓްރީން ހާއްސަ ޓާގެޓުތަކެއް ކަނޑައަޅާފައިވާ ކަމަށާއި، ނަމަވެސް އިދިކޮޅުގެ އަމަލުތައް ހުންނަ ގޮތުން އެކަމަށް ހުރަސް އެޅެމުންދާ ކަމަށެވެ. އަދި ވިދާޅުވީ ފަތުރުވެރިކަމަށް ނޭދެވޭ އަސަރު ކުރުމަކީ މުޅި އިގްތިސާދަށްވެސް އޭގެ އަސަރު ކުރާނެ ކަމެއް ކަމަށެވެ.

"ސިޔާސީ ވަކި ފައިދާއެއް ހޯދަން ރާއްޖޭގެ އިގްތިސާދު ހަލާކުކޮށްލަން މަސައްކަތް ކުރުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް. އެކަން އެގޮތަށް ކޮށްގެން ނުވާނެ." މިނިސްޓަރު ޒަމީރު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ އަމުރާ ގުޅިގެން ރާއްޖޭގައި އުފެދުނު ހަމަނުޖެހުންތައް ހައްލު ކުރުމަށް މިހާރު ކުއްލި ހާލަތު އިއުލާންކޮށްފައިވާ އިރު، ބައެއް ގައުމުތަކުން ވަނީ ރާއްޖެއަށް ޒިޔާރަތް ކުރުމުގައި ސަމާލުވުމަށް އަންގައިފައެވެ. ނަމަވެސް ބައެއް ގައުމުތަކުން މިހާރު ޓްރެވަލް އެޑްވައިޒަރީތައް ލުއި ކުރަމުންދާ ކަމަށް މިނިސްޓަރު ޒަމީރު އިއްޔެ ވިދާޅުވެފައިވެއެވެ. އޭގެ ތެރޭގައި ޗައިނާވެސް ހިމެނެއެވެ.