02 Mar 2018, 19:10
ބޭންކު އެކައުންޓާ ގުޅޭ މައުލޫމާތާއި، ކޭޝްކާޑު އަދި އިންޓަނެޓް ބޭންކިން ފަދަ މައުލޫމާތު ތަކަކީ ރައްކާތެރިކަމާއެކު ބަހައްޓަން ޖެހޭ މުހިއްމު މައުލޫމާތުތަކެވެ. މިފަދަ މައުލޫމާތު ހިއްސާކުރުމަށް އުސޫލުތަކެއް ހަމަޖައްސާފައިވެއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ކަމަށް ބުނެ، ބޭންކު އެކައުންޓާއި އަދި ބޭންކް ކާޑާގުޅޭ މައުލޫމާތު ހޯދަން ގޮތްނޭނގޭ ފަރާތްތަކުން ގުޅާކަމުގެ ޝަކުވާއަކީ މިހާރު ވަރަށް އާންމު ކަމެކެވެ. މިފަދަ ކަންކަން އާންމުކޮށް މެދުވެރިވަނީ، ކަމާ ގުޅޭ ފުރިހަމަ މައުލޫމާތު އާންމުންނަށް ލިބިފައި ނެތުމުން ކަމަށް ވެދާނެއެވެ.
ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ ކާޑާއި އެކައުންޓުގެ މައުލޫމާތު އެއްވެސް ފަރާތަކަށް ނުދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.
"ބޭންކުން މިފަދަ މައުލޫމާތު، ފޯން، އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ނުހޯދާނެ،" ކަސްޓަމަރުންގެ ސަމާލުކަމަށް މިކަން ގެނެސްދިނުން އެދި އޭނާ ވިދާޅުވިއެވެ.
އިންޓަނެޓް ބޭންކިންގެ ޚިދުމަތް ހޯދާ ފަރާތްތަކަށް، އެ ފަރާތްތަކުގެ އެކައުންޓް ވެރިފައިކުރުމަށް ކަމަށް ބުނެ، "ލޮގިން ޑީޓެއިލްސް" ހިއްސާކުރުމަށް އެދި މެއިލް ފޮނުވާކަމަށް ބުނެވެސް މީގެ ކުރީން ވަނީ ބޭންކަށް ޝަކުވާތަކެއް ހުށަހަޅައިފައެވެ.
ގައުމީ ބޭންކުން ބުނެފައި ވަނީ އެ ބޭންކުން އެފަދަ މައުލޫމާތު ހިއްސާކުރުމަށް، އީމެއިލްގެ ޒަރީއާއިން ނޭދޭނެ ކަމަށެވެ.
"ކަސްޓަމަރުންނަށް ދަންނަވާލަން އޮތީ، މިފަދަ ފިޝިން އީމެއިލްތަކާ މެދު ވަރަށް ބޮޑަށް ސަމާލުވާށޭ. ބީއެމްއެލްއިން އެއްވެސް ކަސްޓަމަރެއްގެ ކްރެޑެންޝަލްސް ހޯދަން އީމެއިލްގެ ޒަރީއާއަކުން ނޭދޭނެ،" ސައީދު ވިދާޅުވިއެވެ.
ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު، ރާއްޖޭގައި ވެސް މިހާރު ދަނީ، ކަރަންޓު އަދި ފެން ބިލް ދެއްކުމާއި، މޯބައިލް ފޯނު ރިޗާޖްކުރުން ފަދަ ޚިދުމަތްތައްވެސް، އިންޓަނެޓް ބޭނުންކޮށްގެން ހޯދަމުންނެވެ. އަދި ބާޒާރުކޮށްލުމަށް ފަހު، ނުވަތަ، ހޮޓާ ކެފޭ ރެސްޓޯރަންޓު ފަދަ ތަންތަނުން ޚިދުމަތް ލިބިގަތުމަށްފަހު ފައިސާގެ މުއާމަލާތްކުރުމަށް ގިނައިން މިހާރު ބޭނުންކުރަނީ ކާޑު ފަދަ ވަސީލަތްތަކެވެ.
އަބަދުވެސް ހަނދާންކުރަންވީ ކަމަކީ، މިފަދަ ކޮންމެ ފަސޭހަ ޚިދުމަތަކާއެކު އޭގެ ނާޖާއިޒު ފައިދާ ހޯދާނޭ ބަޔަކުވެސް އުޅޭނޭ ކަމެވެ.
ސައީދު ވިދާޅުވީ، ބީއެމްއެލް އިންޓަނެޓް ބޭންކިންގެ ޚިދުމަތެއް ހޯދާކަމަށް ވާނަމަ، އަބަދުވެސް އެ ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް ޚިދުމަތް ހޯދުމަށް ކަސްޓަމަރުންނަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި އެކައުންޓާއި ކާޑުގެ މައުލޫމާތު ހިއްސާކުރާނަމަ ބޭންކުގެ އައުޓުލެޓަކަށް ގޮސްގެން އެފަދަ މައުލޫމާތު ހިއްސާކުރުމަށެވެ.
"އަބަދުވެސް އަޅުގަނޑުމެންގެއޮފިޝަލް ވެބްސައިޓް،https://www.bankofmaldives.com.mvބޭނުންކުރުމަށް އިލްތިމާސްކުރަން،" ސައީދު ވިދާޅުވިއެވެ.
ގައުމީ ބޭންކުން މީގެ ކުރީންވެސް ވަނީ، ބޭންކުގެ ކަސްޓަމަރުންނަށް އޮޅުވާލުމަށްޓަކައި މިފަދަ ތަފާތު އަމަލުތައް ފޯނާއި އިންޓަނެޓް މެދުވެރިކޮށް ހިންގަމުން ދާކަމަށާއި އެފަދަ ކަންކަމަށް ކަސްޓަމަރުން އަބަދުވެސް ސަމާލުވެތިބުމަށް އިލްތިމާސްކޮށްފައެވެ.