02 Mar 2018, 23:39
އީރާން އަދި އޮމާން ފަދަ ގައުމުތަކުގެ ފުރަތަމަ ޑިވިޝަންގައި ކުޅެފައިވާ ފޯވަޑެއް ވިކްޓަރީ ސްޕޯޓްސް ކްލަބަށް ގެނެސްފިއެވެ.
ވިކްޓަރީއާ އިއްޔެ ގުޅިފައިވާ ފޯވަޑް ޕެޑްރޯ ހެންރިކޭ އޮލިވިއޭރާއަކީ ބްރެޒިލް އަދި އީސްޓް ޓިމޯރޭސްގެ ސިޓިޒަންޝިޕް ވެސް އޮންނަ ކުޅުންތެރިއެކެވެ.
އުމުރުން 26 އަހަރުގެ ޕެޑްރޯ ހެންރިކޭ ވަނީ އީސްޓް ޓިމޯރޭސްގެ ގައުމީ ޓީމަށްވެސް ކުޅެފައެވެ. ބްރެޒިލްގެ ކްލަބުތަކުން ކެރިއަރު ފެށި ޕެޑްރޯ ހެންރިކޭ ވަނީ ބްރެޒިލްގެ ޓޮޕް ޑިވިޝަންގެ ކްލަބުތައް ކަމަށްވާ މޯގީ މިރްމިނާއި އުބެރާބާ އަދި ސަންޓްކްރުޒެންސޭއަށް ވެސް ކުޅެފައެވެ.
ޕެޑްރޯ ހެންރިކޭގެ އޭޝިއާ ކެރިއަރު ފަށާފައިވަނީ ގަތަރުގެ ކްލަބެއް ކަމަށްވާ އަލް މަސައިމީރުންނެވެ. އޭނާ ވަނީ 2015 ވަނަ އަހަރު ގަތަރުގެ ފުރަތަމަ ޑިވިޝަންގައި އެ ކްލަބަށް ކުޅުނު 12 މެޗުން ނުވަ ގޯލް ޖަހައިފައެވެ. ހަމަ އެ އަހަރު އޮމާންގެ ފުރަތަމަ ޑިވިޝަންގެ ކްލަބު، އަލް އޮރްބާއަށް ވެސް ޕެޑްރޯ ހެންރިކޭ ވަނީ ކުޅެފައެވެ. ޕެޑްރޯ ހެންރިކޭ އެ ކްލަބަށް ކުޅެފައިވަނީ މިހާރު އޭނާއާއެކު ވިކްޓަރީއަށް ކުޅެމުން އަންނަ އެންހާލް ކަރެސްކޯ މުނޯޒާވެސް އެކުގައެވެ.
ޕެޑްރޯ ހެންރިކޭ ވިކްޓަރީގެ މެނޭޖަރު އަހުމަދު ގާލިބާއެކު --- ފޮޓޯ/ ވިކްޓްރީ
އޮމާން ލީގުގައި ކުޅުމަށްފަހު މެލޭޝިއަން ސުޕަލީގުގެ ޕިކޭއެންއެސްއަށް ވެސް ކުޅުނު ޕެޑްރޯ ހެންރިކޭ ވަނީ އެ ކްލަބަށް ކުޅުނު 13 މެޗުން އަށް ގޯލް ޖަހައިފައެވެ. 2016 ވަނަ އަހަރު އިރާންގެ ފުރަތަމަ ޑިވިޝަން ކްލަބެއް ކަމަށްވާ ސިފާން އެސްސީގެ އިތުރުން ދެކުނު ކޮރެއާގެ ދެވަނަ ޑިވިޝަން ކްލަބެއް ކަމަށްވާ ޑައިޔޯން ސިޓިޒެނަށް ވެސް ޕެޑްރޯ ހެންރިކޭ ވަނީ ކުޅެފައެވެ.
ޕެޑްރޯ ހެންރިކޭ މިދިޔަ އަހަރު ހޭދަކޮށްފައިވަނީ އިންޑޮނޭޝިއާގެ ޕަރސިބާރާ ސުރަބާޔާގައެވެ.
ޕެޑްރޯ ހެންރިކޭއަކީ މިސީޒަންގައި ވިކްޓަރީއަށް ގެނައި ހަތަރުވަނަ ބިދޭސީ ކުޅުންތެރިޔާއެވެ. ލާޒްލޯ ކިސްގެ އިރުޝާދުގެ ދަށުން މާލޭ ލީގުގައި މިހާތަނަށް ވިކްޓަރީ ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ.