02 Mar 2018, 20:31
ވިކްޓަރީ ސްޕޯޓްސް ކްލަބު ބަލިކޮށް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އިން މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ.
އެސްޓީއޯ މާލޭ ލީގުގައި މިއަދު ކުޅުނު މެޗަށް ނުކުތް އިރު މި ސީޒަންގައި ޔޫވީން ކުޅުނު ފުރަތަމަ މެޗުން އެޓީމު އޮތީ ބޮޑު ތަފާތަކުން މޮޅުވެފައެވެ. ފުރަތަމަ މެޗުގައި ޔޫވީން ކްލަބު ވެލެންސިއާގެ މައްޗަށް ކުރި ހޯދީ 3-0ގެ ނަތީޖާއަކުންނެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ޔޫވީން ފަހަތުން އަރައި ވިކްޓަރީގެ މައްޗަށް ކުރި ހޯދީ 2-1ގެ ނަތީޖާއަކުންނެވެ.
މިއަދުގެ މެޗުގެ ފުރަތަމަ ކޮޅުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ. ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންދިޔައީ މަދު ހަމަލާތަކެކެވެ.
މެޗުގެ ފުރަތަމަ 20 މިނެޓުގައި ނުރައްކާތެރި ހަމަލާއެއް ފެނިފައިނުވި ނަމަވެސް 25 ވަނަ މިނެޓުގައި ވިކްޓަރީގެ މެދުތެރެއިން ކުޅެމުން ދިޔަ ހުސެއިން ނިހާން (ނިހާޓް)ގެ ބާރު ހަމަލާއެއް ފެނިގެންދިޔައެވެ. އޭނާގެ ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ މަތިންނެވެ.
އެސްޓީއޯ މާލޭ ލީގުގައި ވިކްޓަރީއާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން --- ސަން ފޮޓޯ/ ފަޔާޒް މޫސާ
އޭގެ ދެ މިނެޓް ފަހުން ޔޫވީއަށްވެސް ވަނީ ރަނގަޅު ފުރުސަތެއް ލިބިފައެވެ. ޔޫވީން ކްލަބު ވެލެންސިއާއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ގޯލް ޖެހި، އަލީ ހައިޝަމް (ޗުމްޕު) ވިކްޓަރީގެ ގޯލް ކައިރީ ހުރެ ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް 42 ވަނަ މިނެޓުގައި ޔޫވީގެ ބިދޭސީ ފޯވަޑް ސަމިއުލް ކޯޑެލް ޑެވޯނޭއަށް ވަނީ ހުސް ފުރުސަތެއް ލިބިފައެވެ. އޭނާގެ ބާރު ދުވެއްޔާއެކު ވިކްޓަރީގެ ޑިފެންޑަރު ޝާފިއު އަހުމަދު (ޝާފީ) ކައިރިން ނައްޓާލައި، ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވިކްޓަރީގެ ކީޕަރު މުހައްމަދު އިމްރާނެވެ.
ވިކްޓަރީން މެޗުގެ ލީޑު ނެގީ މެޗުގެ ފުރަތަމަ ހާފުގެ ފަހު މިނެޓުގައެވެ. ވިކްޓްރީގެ ކުރިއަށް ކުޅެމުންދިޔަ އަލީ ނާފިއު ތަނަވަސްކޮށްދިން ބޯޅަ ފަސޭހަކަމާއެކު ގޯލްތެރެއަށް ފޮނުވާލައިގެން އެޓީމަށް ލީޑު ނަގައިދިނީ ހަންގޭރީގެ ފޯވަޑް ސައިމަން ޓިބޯ ސޯޑާސްއެވެ.
މެޗުގެ ދެވަނަ ހާފަށް ނުކުމެވެސް ކުރިއަށް ޖެހިގެން ކުޅުނީ ވިކްޓަރީންނެވެ. އެގޮތުން ވިކްޓަރީގެ ފޯވަޑް ސައިމަންއަށް ފުލުފުލުގައި ލިބުނު ދެ ފުރުސަތުވެސް އޭނާ ވަނީ ބޭކާރު ކޮށްލައިފައެވެ.
މެޗުގެ 67 ވަނަ މިނެޓުގައި ޔޫވީގެ ބިދޭސީ ފޯވަޑް ސަމިއުލް، ބޯޅައާއެކު ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމުން ވިކްޓަރީ ޑިފެންޑަރު ސައްދާމް ހުސެއިން އޭނާއަށް ކުރި ފައުލަށް ރެފްރީ ވަނީ ޔޫވީއަށް ޕެނެލްޓީ ދީފައެވެ. ޕެނެލްޓީ ކާމިޔާބުކޮށް ޔޫވީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ބްރެޒިލް މިޑްފީލްޑަރު ސަމިއުލް ހެއިބާއެވެ.
ނަތީޖާ ހަމަހަމަ ކުރުމަށްފަހު ރަނގަޅު ފޯމެއްގައި ކުޅެމުންދިޔަ ޔޫވީން ލީޑު ނެގީ މެޗުގެ 78 ވަނަ މިނެޓުގައެވެ. އެޓީމަށް ލީޑު ނަގައިދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ޗުމްޕުއެވެ. ޗުމްޕު ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ދެ ގޯލް ޖަހައިފައެވެ.

އެސްޓީއޯ މާލޭ ލީގުގައި ވިކްޓަރީއާއި ޔޫވީ ބައްދަލުކުރި މެޗުގެ ތެރެއިން: މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ ޔޫވީއަށް މޮޅު ކުޅުމެއް ދެއްކި --- ސަން ފޮޓޯ/ ފަޔާޒް މޫސާ
ޔޫވީގެ ގޯލަށް ފަހުވެސް މެޗު ނިމެން މިނެޓަކަށް ވެފައިވަނިކޮށްވެސް ވިކްޓަރީއަށް ވަނީ ފުލުފުލުގައި ދެ ފުރުސަތެއް ލިބިފައެވެ. އެ ފުރުސަތުތައްވެސް ނަގާލައި ވިކްޓަރީން މެޗު ނިންމާލީ ހުސްއަތާއެވެ.
މިއަދުގެ މެޗުންވެސް ބަލިވެ ވިކްޓަރީއަށް ލީގުގައި ކުޅުނު ދެ މެޗުވެސް ގެއްލިފައިވާ އިރު، ކޯޗު ލާޒްލޯ ކިސްއަށް ވަނީ ޕްރެޝަރާ ކުރިމަތިވެފައެވެ.
މާލޭ ލީގުގައި މިރޭ ކުޅޭ މެޗުގައި ވާދަކުރާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބެވެ.