ނޫސް މަޖައްލާ އަދި ސޯޝަލް މީޑިއާގައި، ދިވެހި ބަހުން ލިޔާ ލިޔުންތަކުގައި ﷲގެ އިސްމުފުޅު ތާނައިން ލިޔާތީ އެކަން ނުކުރުމަށް އިސްލާމިކް މިނިސްޓްރީން އަންގައިފިއެވެ.

އިސްލާމިކް މިނިސްޓްރީން މިދިޔަ ހަފްތާގައި ނެރުނު ބަޔާނުގައި ބުނެފައިވަނީ ތާނަ އަކުރުން ﷲގެ އިސްމުފުޅު ލިޔުމަކީ އެކި ޒަމާންތަކުގައި ދިވެހިންގެ ތެރެއިން ދީނީ އިލްމުވެރިންނާ ސަރުކާރު ތަކުން ވެސް މަނާ ކޮށްފައިވާ ކަމެއް ކަމަށެވެ.

"ﷲގެ އިސްމުފުޅު ލިޔަވަންވާނީ 'ﷲ' މި ގޮތަށް އަރަބި ބަހުން" ކަމަށާއި ގުރުއާނުގެ އާޔަތްތަކާއި ރަސޫލާގެ ހަދީސްފުޅު ތަކުގެ ނައްސުތައް ވެސް ލިޔަން ވާނީ ވާރިދު ވެފައިވާގޮތަށް އަރަބި އަކުރުން ކަމަށް އެ މިނިސްޓްރީ އިން ބުންޏެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ މީހުންނަށް ނަން ކިޔުމުގައި ﷲގެ އިސްމުފުޅެއް ހިމަނައިގެން ކިޔާ ނަން ކިޔުމުގައި ނަން ކުރުކޮށްލުމުގެ ގޮތުން ވެސް މާނައެއް ދޭހަނުވާ ގޮތަކަށް ކިޔާ އުޅޭ ކަމަށާއި، އެއީ ހުއްދަ ކަމެއް ނޫން ކަމަށެވެ.

އެކަންކަމަކީ އިސްލާމްދީނަށް ލޯބިކޮށް އިހްތިރާމް ކުރާ އެއްވެސް މީހަކު ދެބަސްވާނެ ކަމަކަށް ނުވާތީ، އެއްވެސް މީހަކު ލިޔާ ލިޔުމެއްގައި ﷲގެ އިސްމުފުޅު ތާނައިން ނުލިޔުމަށް އެ މިނިސްޓްރީން އަންގައިފައިވެއެވެ.