މާލެ އަތޮޅުން ދޫކޮށްފައިވާ ދެ ފަޅަކާއި ރ. އަދި އދ. އަތޮޅުގެ ދެ ފަޅުރަށެއްގެ މިލްކުވެރިކަން ބަދަލު ކުރަން އިއުލާނު ކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން ވަކިވަކިން ކޮށްފައިވާ އިއުލާނުތަކެއްގައި ބުނެފައި ވަނީ، ދެ ފަޅަކާއި ދެ ފަޅުރަށުގެ މިލްކުވެރިކަން ބަދަލުކުރަން ނިންމީ ލީސް އެގްރީމަންޓްގެ ދަށުން އެ ތަންތަން ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބި ދީފައިވާ އެންމެހާ ހައްގުތައް ބަދަލު ކުރަން ރަށްތައް ނަގާފައިވާ ފަރާތުން ބޭނުންތީ ކަމަށެވެ.

މިލްކުވެރިކަން ބަދަލުކުރަން އިއުލާނު ކޮށްފައި ވަނި، ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ރ. ބޮޑުފަރުފިނޮޅާއި އަދި އދ. ބޮޑުފިނޮޅުގެ އިތުރުން މާލެ އަތޮޅުގެ ދެ ފަޅެކެވެ.

އެހެންކަމުން އެހެން ފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެ ފަރާތުން ހުށަހަޅުއްވާފައި ވާތީ އެ ދެ ރަށާއި ދެ ފަޅާއި ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތް ފަރާތެއްވާ ނަމަ 14 ދުވަހުގެ ތެރޭގައި އެ މިނިސްޓްރީ އަށް އަންގަން މިނިސްޓްރީގެ އިއުލާނުގައި އެދިފައިވެ އެވެ.