02 Mar 2018, 10:51
ނިދާ ހޭލުވުނު އިރު ހުރީ މޫޑު ސަކަރާތް ވެފައި ހެއްޔެވެ؟ ނުރަނގަޅު މޫޑެއްގައި ދުވަސް ފެށިއްޖެ ނަމަ މުޅި ދުވަސް ވެސް ޚަރާބުވުމަކީ ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. އެހެންކަމުން ދުވަސް ރަނގަޅަށް ގެންދިއުމަށް، މޫޑު ރަނގަޅު ކޮށްލަން ފަސޭހަ ގޮތްތައް ހޯދުން މުހިންމެވެ.
1. ނަމާދު ކުރުން
- ނުރަނގަޅު މޫޑެއްގައި ހުރެ ހޭލެވިއްޖެ ނަމަ ފުރަތަމަ ކަމަކަށް ވެސް ނަމާދު ކޮށްލާށެވެ. ނަމާދުކޮށް ދުއާ ކުރުމަކީ ބޯހާސްކަމުން ދުރުކޮށްދޭ ކަންކަމެވެ.
- 2.ކުލަ ތެރަޕީ
- ސައިކޮލޮޖިސްޓުން ގަބޫލުކުރާ ގޮތުގައި ކުލައަކީ މީހާގެ މޫޑާ ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެކެވެ. އެގޮތުން ރަތް ކުލައަކީ މީހާއަށް އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުކޮށްދޭ ކުލައެކެވެ. އެހެންކަމުން މޫޑު ރަނގަޅު ކޮށްލުމަށް ރަތް ކުލައިގެ ހެދުމެއް ލުން ރަނގަޅެވެ. ފެހި ކުލައަކީ ވެސް މީހާއަށް އުފާވެރިކަން ގެނެސްދޭ ކުލައެކެވެ. ބޯހާސްކަން ފިލުވާލަން އެންމެ ރަނގަޅީ ނޫކުލައެވެ.
- 3.މަސާޖުކުރުން
- މަސާޖު ކުރުމަކީ ސްޓްރެސް އިން ދުރުކޮށްދޭ ކަމެއް ކަން ދިރާސާ ތަކުން ވަނީ ދައްކައިފައެވެ. ނަމަވެސް މޫޑު ސަަކަރާތްވާ ކޮންމެ ދުވަހަކު ޕްރޮފެޝަނަލް މަސާޖެއް ނުހޯދޭނެ އެވެ. އެހެންކަމުން އަމިއްލަ މީހާއަށް ދެވޭ ކުދި މަސާޖުތައް ހުރެ އެވެ. އެގޮތުން އެއް އަތުގެ ބޮޑުވާއިނގިލިން އަނެއް އަތުގެ އަތްތިލައަށް މަޑުމަޑުން ފިތާލާށެވެ. ފަސް ވަރަކަށް މިނެޓު މަސާޖު ކޮށްލުމުން މޫޑު ރަނގަޅު ވެދާނެއެވެ.
- 4.ކެއުން
- ކެެއުމަކީ ގިނަ ބަޔަކަށް އުފާވެރިކަން ގެނެސްދޭ ކަމެކެވެ. ބައެއް ކަހަލަ ކާނާ އިން ސެރޯޓޮނިން ނުވަތަ "ހެޕީ ހޯމޯން" ލިއްބައިދެ އެވެ. އެހެންކަމުން ހެނދުނުގެ ނާސްތާގައި ބިސް، ކުކުޅު، ޗީޒް، ދޮންކެޔޮ، އަލަނާސި، އަދި އެކި ކަހަލަ ނަޓްސް ހިމެނުމަކީ މޫޑު ރަނގަޅު ކޮށްދިނުމަށް އެހީވެދޭ ކަމެކެވެ.
- 5.މީރު ވަސް
- ވަހަކީ ވެސް މޫޑާއި ވަރަށް ބޮޑަށް ގުޅިފައިވާ އެއްޗެކެވެ. އެގޮތުން އޮރެންޖު އަދި ލެވެންޑާ ވަސް އެސެންޝަލް އޮއިލްސް އަކީ "މޫޑް ބޫސްޓާޒް" ކަމަށް ދިރާސާތަކުން ވަނީ ދައްކައިފައެވެ. ގޭތެރެއިން ނުވަތަ އޮފީސް ތެރެއިން މީރުވަސް ދުވުމަކީ މީހާގެ މޫޑު ރަނގަޅު ވާނެ ކަމެކެވެ.
- 6.ހިނގާލުން
- މޫޑު ރަނގަޅު ކޮށްލުމަށް ބޭރަށް ނުކުމެ 10 ވަރަކަށް މިނެޓު ހިނގާލާށެވެ. އޭރުން އަތްވާއި ސާފު ވައިން ހިތަށް ހިތްހަމަޖެހުން ލިބިގެން ދާނެއެވެ. އަދި ހަށިގަނޑަށް ވިޓަމިން ޑީ ވެސް ލިއްބައިދޭނެއެވެ.
- 7.ހެޔޮ އަމަލު ކުރުން
- މޫޑު ރަނގަޅު ކޮށްލުމަށް ކޮންމެސް ކަހަލަ ރަނގަޅު ކަމެއް ކޮށްލާށެވެ. މީހުނަށް އެހީވުމަކީ ތިމާގެ މޫޑު ރަނގަޅު ކޮށްލުމަށް ވެވޭ އެހީއެކެވެ. އެހެންކަމުން ނިކަމެއްޗަށް ފައިސާގެ އެހީއެއް، ނުވަތަ މަގުމަތިން ހިނގާފައި ދާ ނުދަންނަ މީހަކަށް ދެވޭ ހިނިތުންވުމަކުން ވެސް ފުދޭނެއެވެ.