ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބަކީ ޓްރޮފީ ކެބިނެޓް އެންމެ މުއްސަނދި ދިވެހި ފުޓުބޯޅަ ކްލަބެވެ. ތާރީހެއް އޮތް ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބެވެ. މިދިޔަ ސީޒަންގައި މާލޭ ލީގު އަދި ސީޒަން ހުޅުވި މެޗު ފިޔަވައި އެހެން ހުރިހާ މުބާރާތެއް ކާމިޔާބުކުރި ނިއުއަށް ސީޒަންގައި ގެއްލުނު މާލޭ ލީގާ ސީޒަން އޯޕެނިން ދަމައިގަތީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ.

ނިއުއާ އެއްވަރަށް ޓްރޮފީ ހޯދިފައި ނުވިޔަސް މާޒިޔާއަކީ ރާއްޖޭގައި އޮތް އެންމެ 'ކޮންސިސްޓެންޓް' ކްލަބޭ ދެންނެވިދާނެއެވެ. އޭއެފްސީ ކަޕް ފަދަ އޭޝިއާ ލެވެލްގެ މުބާރާތްތަކުގައިވެސް ވަރުގަދަ ކުޅުމެއް ދައްކާފައިވާ މާޒިޔާއަކީ ތާރީހެއް އުފައްދަމުން އަންނަ ބޮޑު ކްލަބެކެވެ. ނިއު ފަދަ ބިޔަ ކްލަބުތަކަށް ކުރިމަތިވާ އެންމެ ބޮޑު ޓެސްޓެވެ. އެންމެ ބޮޑު ޗެލެންޖެވެ. މިދިޔަ ސީޒަންގެ މެޗުތަކަށް ބަލާލުމުންވެސް އެކަން ޔަގީންވެއެވެ.

ރާއްޖޭގައި އެންމެ ހަރުދަނާކޮށް ހިނގަމުންދާ ދެ ކްލަބުގެ ގޮތުގައި ގިނަ ކޯޗުންނާއި ފުޓުބޯޅަ އެނަލިސްޓުންވެސް ފާހަގަކުރާ މާޒިޔާއާއި ނިއުއަކީ ޓްރާންސްފާ ސީޒަންގައިވެސް ގަދަ ދެ ބާރެވެ. މި ސީޒަންގެ ޓްރާންސްފާ ސީޒަންވެސް ކާމިޔާބުކުރި ދެޓީމަކީވެސް ހަމަ މި ދެޓީމު ކަމަށް ބުނެވިދާނެއެވެ. ތަރިންގެ ޓްރާންސްފާތަކަކާއެކު މާޒިޔާ ނިއުގެ ކުރިމަތިލުމަށް މިރޭ ނުކުންނައިރު ދެޓީމުން ލީގު ފެށީ ތަފާތުކޮށެވެ. މާޒިޔާއިން 2-0 ގެ ލީޑެއްގައި ކްލަބު ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅެމުންދިޔަ މެޗުގައިި ލީޑު ގެއްލުވާލީ ފަހު ހަ މިނެޓުގައެވެ. އެއާހިލާފަށް ނިއުއިން ސީޒަން ފެށީ 'ހެންވެއިރު ޑާބީ' ގައި ޓީސީ ބަލިކޮށްގެންނެވެ.

މެޗުގެ ކުރިން ކޯޗުން ބުނީ ކީކޭ؟

މާޒިޔާގެ ކޯޗު އިސްމާއީލް މަހެފޫޒް (އިންމަ)

އެސްޓީއޯ މާލޭ ލީގުގައި ކްލަބް ގްރީންސްޓްރީޓްސް އާއި މާޒިޔާއާ ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗުގައި މާޒިޔާގެ ދެ ގޯލްވެސް ކާމިޔާބުކޮށްދިނީ ސްޓެވާޓް --ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާޙް

"ވަކި ހާއްސަ ގޮތަކަށް މެޗަށް ތައްޔާރެއް ނުވާނަން. އެހެން ނަމަވެސް ނިއުގެ ޓީމަކީ މޮޅު ޓީމެއްކަންވެސް އެނގިގެން ދަޑު މައްޗަށް ނުކުންނާނީ. އެޓީމުގެ ކުޅުންތެރިންވެސް ހިފެހެއްޓުމުގެ ގާބިލްކަން އެބަހުރި އަޅުގަނޑުމެންގެ ކުޅުންތެރިން ކިބައިގައި. ކުޅުންތެރިންތިބީ ރަނގަޅު ޕާފޯމަންސެއްކޮށް މެޗުން މޮޅުވުމުގެ ހިތްވަރުގައި،" މެޗުގެ ކުރިން ވާހަކަ ދައްކަމުން އިންމަ ބުންޏެވެ.

އިންމަ ބުނީ ނިއުރޭޑިއަންޓްގައި ތިބީ ވަރަށް ތަޖުރިބާކާރު، ގައުމީ ލެވެލްގެ ގިނަ ކުޅުންތެރިންތަކެއް ކަމަށާއި، މާޒިޔާއިން އެ ކުޅުންތެރިންނާ ދެކޮޅަށް ނެރޭ ކުޅުންތެރިންނަކީވެސް ގައުމީ ލެވެލްގެ ކުޅުންތެރިން ކަމަށެވެ. އަދި މާޒިޔާގައި ބައެއް ޒުވާން ކުޅުންތެރިން ތިބި ނަމަވެސް މެޗުގެ ނަތީޖާ ނުކުންނާނީ މެޗުގައި ދައްކާ ކުޅުމުން ކަމަށްވެސް އިންމަ ފާހަގަކުރިއެވެ.

"ކުޅުންތެރިންނަށް ފުރިހަމަ އިތުބާރު އެބައޮތް. ދަނޑު މަތީގައި 100 ޕަސެންޓްވެސް ލާނެ. އެއްވެސް ކުޅުންތެރިއަކު ދުލެއް ނުދޭނެ. ޖޯޝާއެކު ހުރިހާ ކުޅުންތެރިންވެސް ތިބީ. އަޅުގަނޑުމެން ދެ ޓީމަށްވެސް ފުރުސަތު ބޮޑު،" އިންމަ ބުންޏެވެ.

ނިއުރޭޑިއަންޓް ކޯޗު އޮސްކާ ބުރުޒޮން

ނިއުގެ ފޯވަޑް މާޓީ ކުރިއަށް ފޮނުވާލި ބޯޅަ ޓީސީގެ ކީޕަރު އިފްރާހް ދިފާއުކުރަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

މެޗުގެ ކުރިން ވާހަކަ ދައްކަމުން ނިއުރޭޑިއަންޓްގެ ކޯޗު އޮސްކާ ބުރުޒޮން ބުނީ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށް ސީޒަންގެ ފުރަތަމަ މެޗުން ހޯދުނު މޮޅަކީ މުހިއްމު މޮޅެއް ކަމަށާއި އުންމީދު ކުރަނީ އެ ގޮތަށް ކުރިއަށް ދިޔުން ކަމަށެވެ.

"ޓީސީއާ ދެކޮޅަށް ހޯދުނީ މުހިއްމު މޮޅެއް. އުންމީދުކުރަނީ އެ ގޮތަށް ކުރިއަށްދާން. މާދަމާ މެޗަށް ވަރަށް ބޮޑަށް ކެތްމަދުވެފައި މީނީ. އެއީ އެނގޭ މާދަމާގެ މެޗު ފަސޭހަ ނުވާނެކަން. މާޒިޔާއަކީ ވަރަށް ޓަފް ޓީމެއް،" އޮސްކާ ބުންޏެވެ.

އޮސްކާ ބުނީ މިރޭގެ މެޗުގައި ޕްރެޝަރު އޮންނާނީ މާޒިޔާއަށް ކަމަށެވެ.

"މިދިޔަ ހަފްތާގަވެސް ބުނިހެން ޕްރެޝަރު އޮންނާނީ މާޒިޔާއަށް. މާޒިޔާއަކީ މާލޭ ލީގުގެ އެންމެފަހުގެ ޗެމްޕިއަންވީމަ. މެޗަކަށްފަހު މެޗެއް ވިސްނާނީ. އަހަރެން އެނަލައިޒް ކޮށްފިން މާޒިޔާގެ ބަލިފަޔާ ގަދަފައިވެސް. އެކަން ކަމަށް ބަލާ، މާދަމާ ދަނޑުމަތީގައި އަހަރެން ބޭނުންވާ ގޭމް ކުޅުމަށް އިސްކަން ދޭނީ،" އޮސްކާ ބުންޏެވެ.

އޮސްކާބުނީ މާލޭ ލީގުގެ ފުރަތަމަ ދެ މެޗުން ހަ ޕޮއިންޓާއެކު އޭއެފްސީ ކަޕަށް ނުކުތުމަކީ ޓީމަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކަމަށާއި، އުންމީދަކީ މާލޭ ލީގުގެ ފުރަތަމަ ބުރު ނިމޭއިރު ނެގޭނެ އެންމެ ގިނަ ޕޮއިންޓް ނެގުން ކަމަށެވެ.

މިދިޔަ އަހަރު އުރީދޫ ދިވެހި ޕްރިމިއާލީގުގައި ނިއުރޭޑިއަންޓާއި މާޒިޔާ ބައްދަލު ކުރި މެޗުގެ ތެރެއިން-- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

މާޒިޔާ އާއި ނިއު ވާދަކުރާ މެޗު އޮންނާނީ މިރޭ 9:00 ގައެވެ. ރާއްޖޭގެ ފުޓުބޯޅައިގައި މިވަގުތު އޮތް އެންމެ ވަރުގަދަ ދެ ޓީމުކަމަށް ގިނަބަޔަކު ސިފަކުރާ މާޒިޔާއާއި ނިއުގެ ކުރިމަތިލުންތައް މީގެ ކުރިންވެސް ފޯރިގަދަކޮށް ފެނިފައިވާއިރު، މިރޭގެ މެޗުވެސް އެ ތަފާތުކަން ގެނެސްދޭނެކަން ޔަގީނެވެ.