ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ފިޓްނަސްއާ މެދު އަދިވެސް ހިތްހަމަ ނުޖެހޭ ކަމަށް ކޯޗު ލާޒްލޯ ކިސް ބުނެފިއެވެ.

އެސްޓީއޯ މާލޭ ލީގުގެ ފުރަތަމަ މެޗަށް ނުކުތްއިރުވެސް ކިސް ބުނެފައިވަނީ ރާއްޖޭގެ ފުޓުބޯޅައަށް އޮތް އެންމެ ބޮޑު ގޮން ޖެހުމަކީ ފިޓްނަސް މައްސަަލަ ކަމަށާއި، ވިކްޓަރީއަށްވެސް އެންމެ ބޮޑީ އެ މައްސަލަ ކަމަށެވެ.

މާލޭ ލީގުގައި ވިކްޓަރީއާއި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) މިއަދު ނުކުންނަ މެޗާ ގުޅިގެން ވާހަކަ ދައްކަމުން ކިސް ބުނީ މިއަދުވެސް ވިކްޓަރީން ކުޅެން ޖެހެނީ ހަވީރު ކަމަށާއި، ހަވީރު މެޗުތަކަށް ބޭނުންވާ ވަރަށް އަދިވެސް ޓީމުގެ ފިޓްނަސް ނެތް ކަމަށެވެ.

"ފިޓްނަސް މައްސަލައަކީ ވިކްޓަރީއަށް ބޮޑު މައްސަލައެއް. ހަތަރެއް ޖަހާއިރު ކުޅެން ޖެހޭ މެޗުގައި ފިޓްނަސް މުހިއްމުވާނެ. އީގަލްސް މެޗު ފުރަތަމަ ހާފް ނިމުނުއިރު ނެތް އެއްވެސް ކަމެއް. މާދަމާ މެޗުގައި ނުކުންނަނީ ރަނގަޅު ޓީމަކާ ދެކޮޅަށްކަން ހަނދާން ކުރާނަން. ހާއްސަކޮށް ޑިފެންޑަރު ފަރުހާދު އިސްމާއީލް (ފރޭ)އާއި ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް) ފަދަ ކުޅުންތެރިން އެބަތިބި ޔޫވީގައި،" ކިސް ބުންޏެވެ.

ކިސް އެނބުރި އައިސް ވިކްޓަރީއާއެކު ނުކުތް ފުރަތަމަ މެޗުގައި ކްލަބު އީގަލްސް އަތުން ބަލިވީ 4-1 ގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ ހާފް ވިކްޓަރީން ލީޑުގައި އޮވެ ނިންމާލި ނަމަވެސް އީގަލްސްއިންވަނީ ފަހު ހާފްގައި ހަތަރު ގޯލް ޖަހައި ނަތީޖާ އަނބުރާލައިފައެވެ.

"ވިކްޓަރީން އީގަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ހާފްގައި އެކަނި ރަނގަޅަށް ކުޅުނީ. ވިކްޓަރީގެ ހުރިހާ ކުޅުންތެރިން މިދަނީ ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުން. މަސައްކަތް މަސައްކަތް މަސައްކަތް މީގަ އޮންނާނީ. މާދަމާގެ މެޗު ވަރަށް މުހިއްމުވާނެ،" ކޯޗު ކިސް އީގަލްސް މެޗުން ދިމާވި މައްސަލަތަކާ ގުޅިގެން ބުންޏެވެ.

ކިސް ބުނީ ޔޫވީ އޮތީ ރަނގަޅު ފޯމެއްގައި ކަމަށާއި ފުރަތަމަ މެޗުން މޮޅުވުމުން މަރުހަބާ ކިޔާކަމަށެވެ.

"ޔުނައިޓެޑް ވިކްޓަރީއަށް މަރުހަބާ ކިޔަން ވެލެންސިއާ މެޗުގައި ދެއްކި ކުޅުމަށް. ވަކިން ހާއްސަކޮށް އެ މެޗުގެ ދެވަނަ ހާފްގައި ދެއްކި މޮޅު ކުޅުމަށް. ހަތަރު ބިދޭސީ ކުޅުންތެރިންވެސް ވަރަށް މޮޅަށް ކުޅުތަން ފާހަގަވި،" ކިސް ބުންޏެވެ.

އިއްޔެ ޕްރެސްގައި ވާހަކަ ދައްކަމުން ކިސް އިތުރަށް ބުނީ ޓީމުގައި ތިބި ޑިފެންޑަރުންގެ އަދަދު މަދުވުމަކީވެސް މިވަގުތު ޓީމަށް ދިމާވާ މައްސަލައެއް ކަމަށާއި، ޓީމުގައި ތިބީ ޖުމްލަ ހަތަރު ޑިފެންޑަރުން ކަމަށެވެ.

މާލޭ ލީގުގައި ވިކްޓަރީން ޔޫވީއާ ދެކޮޅަށް ނުކުންނަ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ.