02 Mar 2018, 11:09
ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)ގެ ކޯޗު މުހައްމަދު ނަޒީހަކީ ވިކްޓަރީ ސްޕޯޓްސް ކްލަބަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެ، އެ ކްލަބުން ރާއްޖޭގެ ފުޓުބޯޅަ ތާރީހުގައި ހޯދި ގިނަ ކާމިޔާބީތަކެއްގެ ހިއްސާދާރެކެވެ.
މާލޭ ލީގުގައި މިއަދު ހަވީރު އޮންނަ 'ވިކްޓަރީ ޑާބީ' ގައި ނަޒީހު ޔޫވީ ގޮވައިގެން ނުކުންނާނީ އޭނާގެ ފެވަރިޓް ކްލަބު ވިކްޓަރީއާ ދެކޮޅަށެވެ.
"އަޅުގަނޑަކީ ސީދާ ރަތް ޓީމު މީހެއް. ކުޑައިރުއްސުރެން ފެށިގެންވެސް ގޭތެރެއިން ފެންނާނީ ރަތާ ރީނދުލާ. އަޅުގަނޑުގެ މަންމަމެން އުޅޭނީ ދިދަ ފެހުމާ މިކަހަލަ ކަންކަމުގައި. ދޮގު ހަދައިގެން ބުނަން ޖެހޭނީ އަޅުގަނޑަކީ އެހެން ޓީމެއްގެ މީހެކޭ. އަޅުގަނޑަކީ ހަމަ ސީދާ ވިކްޓަރީގެ ބިގް ފޭންއެއް. އެކަމަކު މާދަމާގެ މެޗަކާ އެއަކާ ގުޅުމެއް ނެތް،" ވިކްޓަރީއާއި އޭނާގެ ގުޅުމާ ގުޅިގެން ނަޒީހު ބުންޏެވެ.

ރަމަޟާން މަހު ބާއްވާ ވެޓެރަންސް ކަޕްގައި ނަޒީހު ވިކްޓްރީ ޖާޒީގައި --- ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް
ނަޒީހު ބުނީ އޭނާގެ "ހިތުގައި އޮތް" ވިކްޓަރީއަށް ރާއްޖޭގެ ޓޮޕް ފްލައިޓްގައި ތަށްޓެއް ނުލިބޭތާ ގިނަ ދުވަސްތަކެއް ވުމުންނާއި ކްލަބް އޮތް ހާލަތާ މެދު އަބަދުވެސް ކަންބޮޑުވާ ކަމަށެވެ.
"ވިކްޓަރީއާ ދޭތެރޭ އަބަދުވެސް ކަންބޮޑުވޭ. އެއީ އަޅުގަނޑުގެ ހިތުގެ ތަންކޮޅެއް ނޫން. ބޯޅައިގެ ހިތުގެ ހަމަ މުޅިން އިންނާނީ ވިކްޓަރީއާ އެކު. ޕްރޮފެޝަނަލް ކޯޗިން ކެރިއަރަކީ އެހެން އެއްޗެއް. މާދަމާގެ މެޗުންވެސް ބޮޑު ތަފާތަކުން ވިކްޓަރީ ބަލިކުރަން ބޭނުމީ،" މާދަމާގެ މެޗަށް ކޮންފިޑެންސާއެކު ހުރި ނަޒީހު ބުންޏެވެ.
ނަޒީހު ބުނީ ޔޫވީއަކީ ވިކްޓަރީން ބާކީވި ކުޅުންތެރިން ކުޅެން ނެރުނު 'ބީ ޓީމެއް' ކަމަށާއި މިއަދު މި އޮތް ލެވެލްއަށް ޓީމު އައުމަކީ ހީނުކުރާވަރުގެ ކާމިޔާބެއް ކަމަށެވެ.
"ވިކްޓަރީން ބާކީވާ ކުޅުންތެރިން ކޮޅު ކުޅެލަން ނެގި ޓީމެއް ޔޫވީއަކީ. އެއްގޮތަކަށްވެސް ކުރިން ނުވިސްނަން ޔުނައިޓެޑް ވިކްޓަރީ ފުރަތަމަ ޑިވިޝަން ލެވެލްގައި ކުޅެފާނެ ކަމަކަށް. އެހެން ނަމަވެސް ޒުވާން، ބޯޅައިގެ ތަޖުރިބާހުރި ކުޅުންތެރިންތަކެއް މެނޭޖުމަންޓަށް އައިސް ވިސްނުން ބަދަލުވެގެން ދިޔައީ،" ނަޒީހު ބުންޏެވެ.
ޔުނައިޓެޑް ވިކްޓަރީގެ ކޯޗު އަހްމަދު ނަޒީހް -- ސަން ފޮޓޯ: މުޙައްމަދު އަފްރާޙް
މިއަހަރުގެ މާލޭ ލީގުގައި ޔޫވީ ކުޅުނު ފުރަތަމަ މެޗުގައި އެޓީމުން ވެލެންސިއާ ބަލިކުރީ 3-0 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ ގުޅިގެން ޓީމު "އޯވާ ކޮންފިޑެންސް" ނުވާނެ ކަމަށް ނަޒީހު ޔަގީންކޮށްދިނެވެ.
"ފުރަތަމަ މެޗުން މޮޅުވެ ލިބުނު ކޮންފިޑެންސް ހިފަހައްޓަމުން މިދަނީ ޓީމުގެ. ބައެއް ހާލަތްތަކުގައި ބައެއް ކުދިން ފަސޭހަ ކޮށްލާނެ ފުރަތަމަ މެޗުން 3-0 އިން މޮޅުވީމަ. އެކަމަކު އަޅުގަނޑުމެންގެ ޓީމުގައި ހަމަ އެކަހަލަ އެއްވެސް ކަމެއް ނެތް. މިސްރާބު އެނގިގެން، ސަމުގާ އޮވެގެން މި ދަތުރު ކުރަނީ،" ނަޒީހު ބުންޏެވެ.
އިއްޔެ ޕްރެސްގައި ނަޒީހު އިތުރަށް ފާހަގަކުރީ ޔޫވީން ފެންނަނީ ޕޮސިޓިވް ކަންތައްތަކެއް ކަމަށާއި ހާއްސަކޮށް އަލަށް ގެނައި ސްޓްރައިކަރުގެ ފަރާތުން ވަރަށް ބޮޑެތި ޕޮސިޓިވްތަކެއް ފެންނަމުންދާ ކަމަށެވެ.
"އަޅުގަނޑުމެން ޓީމުގެ ސްޓައިލާ އެންމެ ގުޅޭ ކުޅުންތެރިއަކީވެސް ސްޓްރައިކަރު ކަންނޭނގެ. އެއީ ދަނޑުގެ ފަޅިއަށް ނުކުމެލާފަ ޕާސްތަކާ އެއްޗެއްސަށް ދުވަން އޭނާގައި އެބަހުރި އެ ކޮލިޓީ،" ނަޒީހު ބުންޏެވެ.
ޔޫވީގެ ޓްރިންޑާޑް އެންޑް ޓޮބާގޯ ފޯވަޑް ޑެވޯނޭ ---ސަން ފައިލް ފޮޓޯ/ މުހައްމަދު އަފްރާހް
ޔުނައިޓެޑް ވިކްޓަރީއާ ވިކްޓަރީ ސްޕޯޓްސް ކްލަބު ވާދަކުރާ މެޗު އޮންނާނީ މިއަދު ހަވީރު 4:00 ގައެވެ. މާލޭ ލީގުގައި މިރޭ އޮންނާނީ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކަލްބާއި ނިއުރޭޑިންޓް ސްޕޯޓްސް ކްލަބު ވާދަކުރާ މެޗެވެ.