ބްރެޒިލްގެ ތަރި ނޭމާއަށް ލިބިފައިވާ އަނިޔާއިން ރަނގަޅުވުމަށް ސާޖަރީ ހަދަން ޖެހޭ ކަމަށާއި، ކުޅުމަށް އެނބުރި އައުމަށް ގާތް ގަނޑަކަށް ތިން މަސް ބޭނުންވާނެ ކަމަށް ބްރެޒިލް ގައުމީ ޓީމުގެ ޑޮކްޓަރު، ރޮޑްރީގޯ ލާސްމާ ބުނެފިއެވެ.

މިދިޔަ ހަފްތާ ތެރޭގައި ފްރާންސް ލީގުގެ މާސޭއާ ދެކޮޅަށް ޕީއެސްޖީ ކުޅުނު މެޗުގައި ނޭމާގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއާ ގުޅިގެން ބްރެޒިލްގެ ޓީމު ޑޮކްޓަރު ބުނެފައިވަނީ އޭނާގެ ކުޑަހުޅުގެ މަޑު ކަށިކޮޅެއް ބިންދައިގެން ގޮސްފައިވާ ކަމަށެވެ.

ނޭމާގެ އަނިޔާއާ ގުޅިގެން ޕީއެސްޖީގެ ކޯޗު އުނޭ އެމްރޭ ކުރިން ބުނެފައިވަނީ އޭނާއަށް ސާޖަރީއެއް ބޭނުން ނުވާ ކަމަށާއި މި ހަފްތާ ތެރޭގައި ޗެމްޕިއަންސް ލީގު ގަދަ 16ގެ ދެވަނަ ލެގުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ފެނިދާނެ ކަމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން ނޭމާގެ ބައްޕަ ބުނެފައިވަނީ ނޭމާއަށް އަށް ހަފްތާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެކަމަށެވެ.

މިހާރު ނޭމާއަށް ފަރުވާކުރަމުންދާ ބްރެޒިލްގެ ޓީމު ޑޮކްޓަރު ރޮޑްރީގޯ ބުނެފައިވަނީ މާދަމާގެ ވަގުތެއްގައި ނޭމާގެ ފައި އޮޕްރޭޝަން ކުރަން ހަމަޖެހިފައިވާ ކަމަށާއި އޮޕަރޭޝަން ކުރުމަށް ހަމަޖެހިފައިވަނީ ބްރެޒިލްގެ ބެލޯ ހޮރިޒޯންޓޭގައި ކަމަށެވެ.

"ނޭމާގެ އޮޕަރޭޝަން ހޮނިހިރު ދުވަހު ކުރެވޭނެ. އޮޕަރޭޝަން ކުރާނީ ބެލޯ ހޮރިޒޯންޓޭގައި. ނޭމާ އެނބުރި އައުމަށް ބޭނުންވާނެ މަދުވެގެން ދެމަސް ބައި ނޫނީ ތިން މަސް،" ރޮޑްރީގޯ ބުނެފައިވެއެވެ.

ރޮޑްރީގޯ އިތުރަށް ބުނީ އަންނަ ޖޫން މަހުގައި އޮންނަ ވޯލްޑް ކަޕްގެ ކުރިން ނޭމާ ފިޓްވާނެ ކަމަށް ބެލެވޭ ކަމަށެވެ.

"ނޭމާ ހުރީ ވަރަށް ދެރަވެފައި. އެކަމަކު އޭނާއަށްވެސް ވިސްނޭ އިތުރު ގޮތެއް އޭގައި ނެތްކަން. ނޭމާ މަސައްކަތްކުރާނެ ވީހާވެސް އަވަހަށް ފިޓްވާން،" ރޮޑްރީގޯ ބުންޏެވެ.

ނޭމާގެ އަނިޔާއާ ގުޅިގެން ޕީއެސްޖީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ނޭމާ ސާޖަރީ ހަދަން ނިންމީ ޕީއެސްޖީއާއި ބްރެޒިލްގެ މެޑިކަލް ޓީމުން ތިން ދުވަސްވަންދެން މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

ސްޕެއިންގެ ބާސެލޯނާއަށް ކުޅުމަށްފަހު ދުނިޔޭގެ ރެކޯޑު އަގަކަށް ނޭމާ ޕީއެސްޖީއަށް ބަދަލުވީ މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައެވެ. ޕީއެސްޖީއާ ގުޅުނުފަހުން އުމުރުން 26 އަހަރުގެ ނޭމާވަނީ 30 މެޗުން 29 ގޯލް ޖަހައި ރަނގަޅު ކުޅުމެއް ދައްކައިފައެވެ. ބްރެޒިލްގެ ގައުމީ ޓީމުގެ ވޯލްޑް ކަޕް އުންމީދުތައް ނޭމާއާ ވަރަށް ބޮޑަށް ގުޅިފައިވާއިރު އޭނާއަށް އަނިޔާވުން ވެގެންދާނީ ބްރެޒިލަށް މާޔޫސްކަން ގެނުވާ ކަމަށެވެ.