ވެސްޓްޕާކްގެ ތިޖޫރީ މިއަދު ހެނދުނު ވަގަށް ގެންދަން އުޅުނު ކަމުގެ ތުހުމަތުގައި ހަ މީހަކު ފުލުހުން ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެމީހުން ހައްޔަރުކުރީ މިއަދު 7:30 އެހާކަންހާއިރު ތިޖޫރީ ވަގަށް ގެންދަނިކޮށް ކަމަށެވެ.

މާލޭގެ ހުޅަނގު އުތުރު ކަންމަތީ ހުންނަ މަޝްހޫރު ވެސްޓް ޕާކް ރެސްޓޯރަންޓްގެ ތިޖޫރީ ވަގަށް ގެންދަން އުޅުނީ ޓެކްސީއަކަށް އަރުވައިގެން ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ. އަދި ތިޖޫރީ ވަގަށް ގެންދިއުމަށް ބޭނުން ކުރި ޓެކްސީ އާއި ސައިކަލު މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

މިދިޔަ ޖޫން މަހު ސާފުތާހިރުކަން ކުޑަވެގެން އެފްޑީއޭގެ އެންގުމަކަށް ބަންދުކޮށްފައި ބެހެއްޓުމަށް ފަހު އަލުން ހުޅުވައިގެން ޚިދުމަތް ދެމުން އަންނަ ވެސްޓް ޕާކު ރެސްޓޯރަންޓްގެ ތިޖޫރީ ވަގަށް ގެންދިޔަ ކަމުގެ ތުހުމަތުގައި އެ ސަރަހައްދުން ހައްޔަރު ކުރި މީހުންގެ ތެރޭގައި ޓެކްސީ ޑްރައިވަރާއި އިތުރު ފަސް މީހުން ހިމެނެ އެވެ.

މިމައްސަލައާއި ގުޅިގެން އޭގެ ތެރެއިން އެކަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ވެސްޓް ޕާކްގެ ފުރާޅުމައްޗަށް އަރާ ފިލަން މަސައްކަތް ކުރަނިކޮށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އަދި މިހާތަނަށް ބެލި ބެލުމުން ވައްކަން ކުރަން މަސައްކަތް ކުރި މީހުން ވަނީ ތިޖޫރީގެ އިތުރުން ވެސްޓް ޕާކުން ކެމަރާއަކާއި ލަވަޖަހާ ސެޓެއްވެސް ވަގަށް ގެންދަން މަސައްކަތް ކޮށްފަ ކަމަށާއި އެތަކެތި މިހާރު ވަނީ ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނާތީ ތިޖޫރީގައި ހުރީ ކިހާ ފައިސާ އެއްކަމެއް އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.