01 Mar 2018, 22:44
މާލެއިން ފުރައިގެން ދަތުރުކުރި ދޯންޏެއް ކާށިދޫ ކަނޑަށް އަޑިއަށް ހިނގައްޖެއެވެ.
ގައުމީ ދިފާއީ ބާރު އެމްއެންޑީއެފުން މިއަދު ނެރުނު ބަޔާނުގައި ބުނީ މާލެއިން ފުރައިގެން ޅ.ކުރެންދޫއަށް ދަތުރުކުރި "ގިޓާނާ 1" ދޯނި ކ.ކާށިދޫ އިރުދެކުނުން 4 މޭލު ބޭރަށް އަޑިއަށް ގޮސްފައިވާ ކަމަށެވެ.
އެމްއެންޑީއެފުން ބުނީ އަޑިއަށް ދިޔަ ދޯނީގެ އެއްވެސް ހަބަރެއް ނުވާކަމަށެވެ.
"ދޯނި އަޑިއަށްދިޔަ ކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް މިއަދު އިރުއޮއްސި 17:55 ހާއިރު ލިބުމާ ގުޅިގެން ކ.ކާށިދޫގެ ސީ އެމްބިއުލާންސް ވަނީ އެސަރަހަށްދަށް ވަނީ ފޮނުވާލެވިފައެވެ. " އެމްއެންޑީއެފުން ނެރުނ ބަޔާނުގައި ބުނެއެވެ.
ދޯނީގެ ކެޕްޓަންއާ ހަވާލާދީ އެމްއެންޑީއެފުން ބުނީ ދޯނި އަޑިއަށް ދިޔައީ ދިޔަވެ ޕަންޕު ޖެހުމުން ވެސް ދިޔަގަނޑު ކޮންޓްރޯލް ނުކުރެވިގެން ކަމަށެވެ.
އެހާދިސާ ހިނގިއިރު އެ ދޯނިން ދަތުރުކުރީ ދިވެއްސަކާއި ތިން ބިދޭސީންނާއެކު ޖުމްލަ ހަތަރު މީހުންނެވެ.
ދޯނި އަޑިއަށްދާން ފެށުމުން ދޯނިން ދަތުރުކުރި މީހުން ވަނީ އެސަރަހައްދުން ކ.ގާފަރަށް ދަތުކުރަމުންދިޔަ "މަލަސް މެލޮޑީ" ނަމަކަށް ކިޔާ ދޯންޏަކަށް އަރައިި ކ.ކާށިދޫއަށް ގޮސްފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.
އެ ހާދިސާގައި ދޯނިން ދަތުރުކުރި މީހުންނަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.