ގާނޫނީ ވަކީލު އަދި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފިއެވެ.

ސުޕްރީމް ކޯޓުން އޭނާ އަށް ފޮނުވާފައިވާ "ކޯޓަށް ހާޒިރުވުމުގެ އަމުރު" ގައި ބުނެފައިވާގޮތުގައި ޝަމީމް އެ ކޯޓަށް ހާޒިރުވާން ޖެހެނީ އާދީއްތަ ދުވަހުގެ މެންދުރުފަހު 1:30 އަށެވެ.

އެ އަމުރުގައިވާގޮތުން ޝަމީމް ކޯޓަށް ހާޒިރުކުރަނީ ކޯޓުގެ ބޭނުމަކަށެވެ.

ޝަމީމަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ގާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ޝަމީމްގެ އިތުރުން ރައްޔިތުން މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ވެސް ސުޕްރީމް ކޯޓަށް އާދިއްތަ ދުވަހު ހަމައެގަޑީގައި ހާޒިރުވާން ވަނީ އަންގައިފިއެވެ.

ކުރީގެ ނާއިބު ރައީސް އަދީބު އަބްދުލް ޣަފޫރުގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ހުންނަވައި ދެއްވި ނިއުސް ކޮންފަރެންސެއްގައި ޝަރުއީ ނިޒާމާ ގުޅޭގޮތުން ދެއްކެވި ވާހަކަތަކަކާ ގުޅިގެން 2015 ވަނަ އަހަރު ޝަމީމް ވަނީ ސަސްޕެންޑްކޮށްފައެވެ. ނަމަވެސް މިއަހަރު އެ ސަސްޕެންޝަން ވަނީ އުވާލައިފައެވެ.