01 Mar 2018, 20:38
ދައުލަތުގެ މަސައްކަތަށް ހުރަސްއެޅިކަމަށް ބުނެ އުއްތަމަފަނޑިޔާރުގެ މައްސަލަ މޯލްޑިވްސް ޕޮލިސްސާވިސް އިން ބަލަން ފަށައިފިއެވެ.
އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ހިސާން ހުސައިން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ސަރުކާރުގެ އެކިލިޔުންތައް ފޮނުވުމަށް ބޭނުންކުރާ އީ- ގަވަމަންޓް ނިޒާމަށް ހުރަސްއެޅިކަމުގެ ތުހުމަތު އުއްތަމަ ފަނޑިޔާރުގެ މައްޗަށް ފުލުހުން ކުރާ ކަމަށެވެ.
"ކުއްލި ހާލަތުގެ ދަށުން ފުލުހުން މިއަދު ތަހުގީގު ކުރީ ރައީސް އޮފީހުގެ ހަތަރު ސިޓީއެއް ސުޕްރީމްކޯޓަށް ފޮނުވުމުން އީ- ގަވާމަންޓް ނިޒާމް ޑައުންކޮށް، އުއްތަމަ ފަނޑިޔާރު ދައުލަތުގެ މަސައްކަތްތަކަށް ހުރަސް އެޅި ކަމުގެ މައްސަލަ،" ހިސާން ވިދާޅުވިއެވެ.
ހިސާން ވިދާޅުވީ އުއްތަމަ ފަނޑިޔާރަށް ކުރި ތުހުމަތުތައް އެމަނިކުފާނު ދޮގުކުރައްވާ ކަމަށާއި އީ-ގަވާމަންޓް ނިޒާމް ބޭނުންކުރުން ލާޒިމް ކުރާ އެއްވެސް ގާނޫނެއް ނެތް ކަމަށެވެ.
އުއްތަމަ ފަނޑިޔާރުގެ މައްޗަށް ފުލުހުން ވަނީ، ވަކި ބަޔަކު ބޭނުންވާ ގޮތަށް ހުކުމް ކުރުމަށް ރިޝްވަތުގެ ފައިސާ ނެގުމާއި ބަޔަކާ ބައިވެރިވެގެން ސަރުކާރު ވައްޓާލަން އުޅުން ކަމުގެ ތުހުމަތުވެސް ކޮށްފައެވެ. އެ މައްސަލައިގައި އުއްތަމަ ފަނޑިޔާރާ އެކު ހައްޔަރުކުރި، އަލީ ހަމީދުގެ މައްޗަށް ވެސް ކުރަނީ ހަމަ މިފަދަ ތުހުމަތުތަކެކެވެ.
އަގުބޮޑެތި ފުލެޓްތަކެއް ގަތުމަށް އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު އަދި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ހުސައިން އަށް ކުންފުންޏަކުން ގިނަ އަދަދެއްގެ ޑޮލަރުތަކެއް ދިން ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.