01 Mar 2018, 20:53
ރާއްޖޭގެ އެންމެ ވަރުގަދަ އެއް ފުޓުބޯޅަ ކްލަބު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ އެކަޑެމީއެއް މިއަދު ލ. ފޮނަދޫގައިވަނީ ފަށައިފައެވެ.
ނިއު ރޭޑިއަންޓްގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު ނިޔާޒް (ޓެޑް) 'ސަން ސްޕޯޓްސް' އަށް މައުލޫމާތު ދެމުން ވިދާޅުވީ ޖުމްލަ 110 ކުޅުންތެރިންނާއެކު އެކަޑެމީ މިއަދު ފަށައިފައިވާއިރު، މިއީ ރާއްޖޭގެ އަތޮޅު ތެރޭގެ ރަށެއްގައި ފެށި އެންމެ ބޮޑު ފުޓުބޯޅަ އެކަޑެމީކަމަށެވެ.
ހާއްސަކޮށް ގިނަ ކުޅުންތެރިންތަކަކާއެކު މިއަދު އެކަޑެމީ ފެށުނު ފަހުންވެސް ރަޖިސްޓްރީކުރަން އެދުނު ކަމަށާއި މިފަދަ ބޮޑު ތަރުހީބެއް އެކަޑެމީއަށް ލިބުމަކީ ވަރަށް ހިތްހަމަ ޖެހޭ ކަމެއް ކަމަށެވެ. އަދި އެކަޑެމީ އިތުރަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށްވެސް ޓެޑް ވިދާޅުވިއެވެ.
ނިއުއިން މިއަދު ފެށި އެކަޑެމީއަކީ މިހާތަނަށް ރާއްޖޭގެ ރަށެއްގައި ފެށި އެންމެ ބޮޑު އެކަޑެމީ --- ފޮޓޯ/ ނިއު ރޭޑިއަންޓް
ޓެޑް ވިދާޅުވީ ލާމުގައި ފެށުނު އެކަޑެމީއަކީ ނިއު ރޭޑިއަންޓްގެ ޗެއާމަން ކާނަލް މުހައްމަދު ޒިޔާދުގެ ވައުދުތައް ފުއްދުމުގެ މަސައްކަތުގެ ތެރެއިން ފެށުނު އެކަޑެމީއެއް ކަމަށާއި ޗެއާމަން އަދި ނިއުގެވެސް އުންމީދަކީ އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ފުޓުބޯޅައަށް ހިދުމަތް ކުރުން ކަމަށެވެ.
"ޗެއާމަންގެ ވިސްނުންފުޅެއް އަތޮޅުތަކުގައި ނިއުގެ އެކަޑެމީތައް ގާއިމް ކުރުމަކީ. އެ ވައުދުފުޅުގެ ދަށުން ހުޅުވިގެންދިޔަ އެކަޑެމީއެއް މިއީ. ޗެއާމަން އަދި ނިއުގެވެސް ކެޕޭސިޓީ ހުރި މިންވަރަކުން ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން މި ގެންދަނީ،" ޓެޑް ވިދާޅުވިއެވެ.
ޓެޑް ވިދާޅުވީ މިހާރުވެސް ލާމު އަތޮޅުގެ ކުޅުންތެރިން ދިވެހި ފުޓުބޯޅައިގެ އެކި ލެވެލްތަކުގައި ފާހަގަ ކުރެވޭ ކަމަށާއި އެކަޑެމީގެ އެހީގައި އިތުރު ކުޅުންތެރިންތަކެއް އުފެދިގެންދާނެކަމަށް ގަބޫލުފުޅުކުރައްވާ ކަމަށެވެ.
"އުންމީދަކީ އިތުރު ކުޅުންތެރިންތަކެއް އަނެއްކާވެސް ލާމުން އުފެދުން. ލާމުގައި މިހާރުވެސް ވަރަށް ހުނަރުވެރި ކުދިން އެބަތިބި. ހާއްސަކޮށް މިއަދުވެސް ފާހަގަކޮށްލެވުނު ވަރަށް ރަނގަޅު ކުދިން،" ޓެޑް ވިދާޅުވިއެވެ.
ލާމުގައި މިއަދު ފެށި ނިއުގެ އެކަޑެމީގައި ކުދިންގެ ފަރިތަކުރުންތައް ކުރިއަށްދަނީ --- ފޮޓޯ/ ނިއުރޭޑިއަންޓް
ޓެޑް ވިދާޅުވީ އިތުރު ރަށްތަކުގައިވެސް އެކަޑެމީ ހިންގުމުގެ ވިސްނުން އެބަހުރި ކަމަށާއި، އަތޮޅު ތެރޭގައި ހިންގާ އެކަޑެމީތައް ހިންގަން ވިސްނަނީ އެރަށެއްގައި ހަރަކާތްތެރިވާ ޖަމިއްޔާތަކާވެސް ގުޅިގެން ކަމަށެވެ. އެގޮތުން ފޮނަދޫގައި ފެށުނު އެކަޑެމީއަކީވެސް އެރަށު ފޮނަދޫ ޔޫތު އެސޯސިއޭޝަން (ފިޔަ)ޖަމިއްޔާއާ ގުޅިގެން ކުރިއަށް ގެންދާ އެކަޑެމީއެއް ކަމަށްވެސް ޓެޑް ވިދާޅުވިއެވެ.
ޓެޑް އިތުރަށް ވިދާޅުވީ މިއަދު އެކަޑެމީ ފެށިގެންދިޔަ ނަމަވެސް އެކަޑެމީ ރަސްމީކޮށް ހުޅުވުން ވަރަށް ކުލަގަދަކޮށް އަދި ކުރިއަށް ގެންދާނެ ކަމަށެވެ.
"މިވަގުތު ކްލަބުގެ ކުޅުންތެރިންނާ އެކިއެކި އޮފިޝަލުންވެސް ހުރިގޮތުން، ރަސްމީކޮށް އެކަޑެމީ ހުޅުވުން އޮންނާނެ ވަރަށް ކުލަގަދަކޮށް. އަޅުގަނޑުމެންގެ ސްޕޮންސާ އުރީދޫއާއެކު ބާއްވާނެ ހުޅުވުމުގެ ރަސްމިއްޔާތު. ގިނަ ސީނިއާ ކުޅުންތެރިންވެސް ބައިވެރިވެގެން ކުރިއަށްދާނީ،" ޓެޑް ވިދާޅުވިއެވެ.
ނިއުރޭޑިއަންޓުން މިދިޔަ އަހަރުގައި އެ ކްލަބުގެ އެކަޑެމީ މާލޭގައި ފަށާފައިވާއިރު، މިއަހަރުގެ ސީޒަނަށް އެ ކްލަބުންވަނީ އަންހެން ކުދިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ އެކަޑެމީވެސް ފަށައިފައެވެ.