ކޯރަމް ހަމަ ނުވެގެން 10:45 އަށް ފަސްކުރި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ފައްޓައިފި އެވެ.

ހެނދުނު 10:30ގައި ޖަލްސާ ފެށުމަށް ބޭނުންވާ އަދަދަށް މެންބަރުން ހާޒިރު ނުވުމުން މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު ވިދާޅުވީ، 10:45 އަށް ފަސްކުރި ޖަލްސާ ފެއްޓީ ވެސް އެ ގަޑީގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަންތައްތަލުގެ ތެރޭގައި ސަރުކާރުގެ އިގްތިސާދީ އިސްލާހީ އެޖެނޑާގައި ހިމެނޭ، 18 ބިލުގެ ތެރެއިން ބިމުގެ ބިލާއި ރަހުނުގެ ބިލު ބަލައިގަނޭތޯ ބެލުމަށް ވޯޓަށް އެހުމަށް ވަނީ އެޖެންޑާކޮށްފަ އެވެ. އަދި ފޮރިން އިންވެސްޓްމެންޓާ ބެހޭ ބިލާއި އިމިގްރޭޝަން ގާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި ކުންފުނީގެ ބިލާއި، ދައުލަތުގެ ހަރަދަށް ޒިންމާ ވުމުގެ ބިލުގެ ބަހުސް ކުރިއަށް ގެންދިއުމަށް ވެސް ވަނީ އެޖެންޑާ ކޮށްފަ އެވެ.

މީގެ އިތުރުން ހަނިމާދޫ ދާއިރާގެ މުހައްމަދު މުޖުތާޒް ހުށަހަޅުއްވާފައިވާ ޓޫރިޒަމާ ބެހޭ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ހުށަހަޅުއްވާފައިވާ މަސްވެރިންނަށް ސަބްސިޑީ ދިނުމަށް ގޮވާލައި ހުށަހަޅުއްވާފައިވާ ގާރާރުގެ ބަހުސް ކުރިއަށް ގެންދިއުމަށްވެސް ވަނީ އެޖެންޑާ ކޮށްފަ އެވެ.